ޚަބަރު

ޔާމީންގެ ހާލަތާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމަށް ޖަލުގައި ކަންތައް ކުރައްވަމުން ގެންދަވަނީ އަނިޔާވެރިކޮށް މީޑިއާގައި ދެކެވޭ ވާހަކަތައް ހޯމް މިނިސްޓްރީން ދޮގުކޮށްފި އެވެ.

Ads by MWSC

ހޯމް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ރައީސް ޔާމީންގެ ހާލަތާއި ގުޅިގެން މީޑިއާގައި ފެތުރެމުން ދަނީ ދޮގު ހަބަރުތަކެއް ކަމަށެވެ. އެގޮތުން މީޑިއާގައި ފެތުރެމުންދާފަދަ އެއްވެސް ކަމަކާ ގުޅޭ ޝަކުވާއެއް މިހާތަނަށް، ރައީސް ޔާމީންގެ ފަރާތްޕުޅުންވެސް އަދި އޭނާގެ ވަކީލުންގެ ފަރާތުން ވިޔަސް އަދި އޭނާގެ އާއިލާގެ ފަރާތުންވެސް އުފުލާފައި ނުވާ ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 30ވަނަ ދުވަހު ހޯމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން އިނިސްޕެކްޓަރު އޮފް ކަރެކްޝަން ސާވިސް މާފުށީ ޖަލަށް ޒިޔާރަތްކުރައްވާ ކުރިޔަށް ގެންދެވި އިނިސްޕެކްޝަންގެ ހަވާސާގައި ދެންނެވިފައިވާ ގައިދީއާ ބައްދަލުކުރައްވާ ރައީސް ޔާމީންގެ ހާލަތު ބައްލަވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުވާފައިވާ ކަމަށްވެސް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައިވެސް މީޑިޔާގައި ދައުރުވަމުންދާ ފަދަ އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. ސަރުކާރުގެ ސިޔާސަތަކީ ޖަލުގެ ހާލަތު ރަނގަޅުކޮށް ގައިދީންނާއި ބަންދު މީހުންގެ ހައްގުތައް ކަށަވަރުކޮށްދީ، އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކުރެވޭ މީހުން އިސްލާހުކޮށް ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރުން ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހޯމް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީންނަށް ކަށަވަރު ކޮށްދޭންޖެހޭ އަސާސީ، އަދި އިންސާނީ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ރައީސް ޔާމީނަށް އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ފޯރުކޮށްދެމުންދާ ކަމަށެވެ.

ސަރުކާރުން މިފަދައިން ބުނި ނަމަވެސް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް ކާން ދެނީ އެކައްޗެއް ކަމަށާއި އެމަނިކުފާނު ހުންނެވީ ހިކި އަނަރޫފަވެފައި ކަމަށެވެ.

އަދުރޭ ވިދާޅުވީ ޔާމީން ޖަލަށްލީފަހުން ދެ ފަހަރެއްގެ މަތިން އެމަނިކުފާނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށާއި ޔާމީން ހުންނެވީ ވަރަށް ސާބިތުކަމާއެކުގައި ކަމަށެވެ. ނަމަވެސް ގައުމުގެ މިނިވަންކަން ގެއްލިދާނެތީ އާއި އެހެން ދީންތަކަށް ރާއްޖެއިން ފުރުސަތު ދީފާނެތީ ޔާމީން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!