ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ މީހުންނަށް ދޭ އިނާޔަތާއި ރައްކާތެރިކަމުގެ ގާނޫނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއްގެ ނަމުގެ ކުރިޔަށް "ރައީސް" މި ލަގަބު ބޭނުން ކުރެވިދާނެ ކަމަށެވެ.
"އިމްރާންގެ ޓްވީޓުގައި ޔާމީންގެ ނަމުގެ ކުރިޔަށް "ރައީސް" ކަނޑާލީ ކީއްވެތޯ؟"
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މުހާތަބު ކުރެއްވި އިރު ނަމުގެ ކުރިޔަށް "ރައީސް" މި ލަގަބު ކަނޑާލީ ކީއްވެތޯ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިން މޭޓުގެ ގޮތުގައި މަސައްކަތް ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސުވާލު އުފައްދައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު ޖަލުގައި އަމަލު ކުރެވެމުން ދަނީ އަނިޔާވެރިކޮށް ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާއި ގުޅިގެން ރައީސް ޔާމީން ޖަލުގައި ހުންނެވި ހާލަތު ބަޔާން ކޮށްދިނުމަށް މިނިސްޓަރު އިމްރާން ވަނީ ޓްވީޓެއް ކުރައްވާފަ އެވެ.
އެ ޓްވީޓްގައި އިމްރާން ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މއ، ކާމިނީހުޅަނގުގޭ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުގައި ރައީސް ނަޝީދާއި، ރައީސް މައުމޫން "ނުހައްގު" ން ބަންދު ކޮށްފައިވާ ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެ ތަނުގައި ކަމަށެވެ.
އިމްރާންގެ އެ ޓްވީޓް ރިޓްވީޓް ކުރައްވައި ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގެ ކުރީގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ކުރީގެ ދެ ރައީސުންގެ ނަމުގެ ކުރިޔަށް "ރައީސް" އެ ލަގަބު ލުމަށްފަހު ރައީސް ޔާމީންގެ ނަމުގެ ކުރިޔަށް "ރައީސް" ނުލީ ކީއްވެގެންތޯ އިމްރާނަށް ޝަހީމް ސުވާލު ކުރެއްވިއެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް އިއްވާ ޖަލަށް ލާފައިވަނީ ބޭ އިންސާފުން ކަމަށާއި އެމަނިކުފާނު މިނިވަން ވާންޖެހޭ ކަމަށެވެ.