ދަރިފުޅަށް ޖިންސީ ގޯނާކޮށް އިންޒާރުދިން ބައްޕަގެ މައްސަލަ ބަލަނީ
މެދުރާއްޖެތެރޭގެ ރަށަކުން ކުޑަ އަންހެން ކުއްޖަކަށް އޭނާގެ ބައްޕަ ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ކުޑަކުއްޖަކަށް، އެ ކުއްޖާގެ ބައްޕަ ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ބަލަމުންދާ ކަމަށާއި ނަމަވެސް އެ މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއްވި ނަމަވެސް، ތަރުޖަމާނު ޖަވާބު ދެއްވީ ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބޭ ކަމަށް އަންހެން ކުއްޖަކު ވަރަށް ތަފްސީލުކޮށް ކިޔައިދޭ އޯޑިއޯއެއް ލީކުވުމާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ.
އެ އޯޑިއޯގައި ވާހަކަދައްކާ ކުއްޖާ ބުނާ ގޮތުން މީހުން ނޫޅޭ ވަގުތުތަކުގައި އެކި ފަހަރު މަތިން އެކުއްޖާގެ ބައްޕަ ޖިންސީ ގޯނާ ކޮށްފައިވެ އެވެ. އަދި އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ބުނެފިނަމަ މަރާލާނެ ކަމުގެ އިންޒާރު ވެސް ބައްޕަ ދީފައިވާ ކަމަށް އޯޑިއޯގައި ބުނެފައިވެ އެވެ.
އެ އޯޑިއޯ ސޯޝަލް މީޑިއާގައި ލީކްކޮށްލުމާ އެކު ވިލިމާލޭގެ ބަޔަކު ނުކުމެ އޭނާ މަގުމައްޗަށް ނެރެ އަނިޔާކުރީ އެވެ. އެކަން ހުއްޓުވައި އޭނާ އަށް ފަރުވާދޭން ވިލިމާލެ ހޮސްޕިޓަލަށް ފުލުހުން ގެންދިއުމުން އާއްމުންގެ ބަޔަކު ވަނީ އެތަނަށް ގާ އުކައި ހޮސްޕިޓަލުގެ ބިއްލޫރިގަނޑެއް ވެސް ތަޅާލައިފަ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރެއް ނުކުރެ އެވެ. ވިލިމާލެ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ އެ މިހާ ވަނީ ހަމަ އެރޭ ދޫކޮށްލައިފަ އެވެ.