ޚަބަރު

މެލޭޝިއާ، އިންޑިއާ އަދި ޖަޕާނުގައި ތިބި ދިވެހިން އެމްބަސީގައި ރަޖިސްޓްރީވާން އެދެފި

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާ އެކު ފެތުރެން ފެށި ކޮރޯނާވައިރަސްއާ ގުޅިގެން، އިންޑިއާ، މެލޭޝިއާ އަދި ޖަޕާނުގައި ދިރިއުޅޭ ދިވެހިން އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީ ވާން މިއަދު އަންގައިފި އެވެ.

Ads by STELCO

މެލޭޝިއާ އެމްބަސީ އާއި އިންޑިއާ އެމްބަސީން ޓްވިޓާ މެދުވެރިކޮށް އެދިފައި ވަނީ، އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން އެ ގައުމުގައި ހުރި ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީ ވާށެވެ. މެލޭޝިއާ އެމްބަސީގެ ހޮޓްލައިން 60126557895+ އަށް ގުޅުމުން އެތަނުގެ ކޮންސިއުލާ ހިދުމަތްތައް ލިބޭނެ ކަމަށް އެމްބަސީން ބުންޏެވެ. އިންޑިއާގެ އެމްބަސީން އެދުނީ، އެ މީހެއްގެ ނަމާއި އެ މީހަކު ދިރިއުޅޭ ސިޓީ އަދި އިމަޖެންސީ ހާލަތެއްގައި ގުޅޭނެ އާއިލާ މީހެއްގެ ނަންބަރު ވެސް އިންޑިއާ އެމްބަސީއާ ހިއްސާ ކުރާށެވެ.

ޖަޕާނު އެމްބަސީން ވެސް ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިން، އެމްބަސީގައި ރަޖިސްޓްރީ ވާން މިއަދު އެދިފަ އެވެ. އަދި ވުހާން ވައިރަސް އިން ރައްކާތެރިވާން ކުރެވޭނެ ކަންތައްތަކަށް ސަމާލުކަން ބަހައްޓާ، ވައިރަސް ޖެހުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެދިފައި ވެ އެވެ.

ޗައިނާގެ ވުހާންގައި ފެތުރެން ފެށި މި ވައިރަސްއާ ގުޅިގެން މިހާތަނަށް 40 މީހުން ވަނީ މަރުވެފަ އެވެ. ފަރުވާއެއް ހޯދިފައި ނުވާ މި ބައްޔަށް އެކި ގައުމުތަކުން 1،700 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. މިދިޔަ ހަފްތާ ބަންދަކީ ޗައިނީސް އާ އަހަރު ކަމަށް ވުމުން، އެ ގައުމުގެ އެތެރޭގެ އަދި ގައުމުން ބޭރަށް މީހުން ކުރާ ދަތުރުކުރާ މީހުންގެ އަދަދު އިތުރުވި އެވެ. ގައިންގަޔަށް ފަސޭހަކަމާ އެކު ވާރަތުވާ މި ވައިރަސް އެހެންކަމުން ދަނީ ބާރު ސްޕީޑުގައި ފެތުރެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!