ޚަބަރު

ގައިދީންގެ ބޭސް ފަރުވާ އަވަސް ކުރަން އިމްރާން އެއްވެސް ކަމެއް ނުކުރޭ: މުނާޒް

ދެން އެމްވީ ، ދެން އޮންލައިން

ގައިދީންގެ ބޭސްފަރުވާގެ ކަންކަން އަވަސް ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަމަލީގޮތުން އެއްވެސް ކަމެއް ހަމަޖައްސައި ނުދެވުނު ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.

Ads by STELCO

މުނާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަރެކްޝަނަލް ސާވިސްއަށް ސްޕެޝަލިސްޓުން ހޯދުމަށް އެދުމުން އެކަންވެސް ނުކޮށް ދެވުނު ކަމަށެވެ. އަދި އައިޖީއެމް ހޮސްޕިޓަލްގެ ޑޮކްޓަރުން ޖަލަށް ދާގޮތަށް ހަމަޖައްސައިދޭން އެދުމުން އެކަންވެސް ކުރެވިފައިނުވާ ކަމަށެވެ.

"ގައިދީންގެ ބޭސްފަރުވާ އަވަސް ކުރުމަށް އަމަލީ ގޮތުން އިމްރާން އަބްދުﷲ އަށް އެއްވެސް ކަމެއް ނުކޮށްދެވުނު. އެމްސީއެސްއަށް ސްޕެޝަލިސްޓުން ހޯދައި ނުދެވުނު. އައިޖީއެމްޗުން ޑޮކްޓަރުން ޖަލަށްދާ ގޮތަށްވެސް ހަމަޖައްސާ ނުދެވުނު. އަހަރެއް ފާއިތުވެގެން ދިޔައީ." މަޖިލީހުގެ ރައީސް ނަޝީދާއި، އެޗްއާރްސީއެމަށް ޓެގް ކުރައްވާ މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމަށްފަހު އެކުލަވާލާފައިވާ ޖަލު އޮޑިޓް ރިޕޯޓް ގައިވާ ހުރިހާ ކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ކަމަށް މުނާޒް އިއްޔެ ވަނީ ވިދާޅުވެފައެވެ.

މުނާޒް ވިދާޅުވީ ޖަލު އޮޑިޓް ރިޕޯޓް ގައިވާ ހުރިހާ ކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެ އެކަންކަން ބެލުމަށް ކޮމެޓީއެއް އެކުލަވާލި ނަމަވެސް އެ ކޮމެޓީން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ. މުނާޒް ވިދާޅުވީ އެ ކޮމެޓީން 2019 ވަނަ އަހަރު ބޭއްވީ ގިނަ ވެގެން ދެ ބައްދަލްވުން ކަމަށެވެ.

މުނާޒް، ސީޕީގެ މަގާމުން ވަކިކުރެއްވީ މިމަހުގެ 21 ވަަނަ ދުވަހުއެވެ. އޭނާ މަގާމުން ވަކިކުރެއްވީ ޖަލުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!