ޔާމީނާމެދު އަނިޔާވެރިކަން އިސްނުކުރައްވާތީ ނަޝީދުގެ ޝުކުރު އިމްރާނަށް
ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް އަނިޔާވެރިކަން އިސްނުކުރައްވާތީ، މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަށް ޝުކުރު އަދާކުރައްވައިފިއެވެ.
ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވި ޖަލުގެ ހާލަތާއި ގުޅޭގޮތުން އިދިކޮޅުން ފާޅުކުރި ކަންބޮޑުވުންތަކަށް މިނިސްޓަރު އިމްރާން ރައްދު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމް "ނުހައްގުން" ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެތަނުގައި ކަމަށެވެ.
އިމްރާންގެ މި ވާހަކަތަކާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އަނިޔާވެރިކަމާއި ބަދަލު ހިފުން އިސްނުކުރައްވާ ކަމަށް މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.
ހޯމް މިނިސްޓަރު އިމްރާން މިހެން ވިދާޅުވިއިރު ހއ. ބާރަށުގައި ދާދިފަހުން އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެންމެފަހުން ޔާމީންއާ ބައްދަލުކުރެއްވި ދުވަހު ވަރަށް ދެރަވި ކަމަށާއި އެގޮތުން އެމަނިކުފާނުގެ ހާލުކޮޅު އެއްސެވުމުން ޖަލުގައި ހޭދަކުރަން ޖެހިވަޑައިގެންފައިވާ ހިތްދަތި ހާލު ކިޔައިދެއްވި ކަމަށެވެ.