ޚަބަރު

ކުރީގެ އުއްތަމަ ފަނޑިޔާރުގެ ހުކުމް މާދަމާ

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނާ މައްސަލައާއި ގުޅިގެން އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ.

Ads by Sosun Fihaara

ދެހާސް އަށާރަ ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން އިއްވި ހުކުމަށްފަހު އަބްދުﷲ ސައީދު ހައްޔަރުކޮށް ފޯނު ދޭން އެންގުމުން އެކަމަށް އިންކާރު ކުރެއްވި މައްސަލާގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ ކުށް ސާބިތުވެ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ވިދާޅުވެފައެވެ. މާދަމާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 9:00 އަށެވެ.

އަބްދުﷲ ސައީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ފޯނު ނުދިން މައްސަލާގައި އެ ދައުވާ އުފުލައި ހަމަ އެ ހުކުމް އިއްވިއެވެ. ނަމަވެސް އެ ދެބޭފުޅުންގެ ހުކުމް ހައި ކޯޓުން ވަނީ ވެރިކަން ބަދަލުވުމުން ބާތިލު ކޮށްފައެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު އަބްދުﷲ ސައީދުގެ މައްޗަށް ތިން ދައުވާއެއް ސާބިތުވާ ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން ދެ ދައުވާއެއް ތަންފީޒުކޮށް ވަނީ ނިމިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!