ކޮރޯނާ ވައިރަސް ފެތުރިއްޖެ ނަމަ އެކަހެރި ކުރާ ރަށަކަށް ފުނަދޫ
ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރިއްޖެނަމަ މާލެ ކައިރީގައި ތެޔޮ ރައްކާކޮށްފައިވާ ރަށް، ފުނަދޫގައި އައިސޮލޭޝަން ފެސިލިޓީ އެއް ގާއިމުކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ކޮރޯނާ ވައިރަސްއާ ބެހޭގޮތުން ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރިއްޖެނަމަ ފުނަދޫ އަކީ ވައިރަސް ޖެހިފައިވާ މީހުން އެކަހެރި ކޮށްފައި ބައިތިއްބާ ރަށުގެ ގޮތުގައި ހަމަޖައްސާނެ ކަމަށެވެ. ފުނަދޫގައި ހުސްކޮށް ހުރި ޖާގަތައް މިކަމަށް ބޭނުން ކުރުމަށް ސަރުކާރުން ހުއްދަ ދީފައިވާ ކަމަށްވެސް އަމީން ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރިއްޖެނަމަ މިކަމަށް ބޭނުންވާ ވަސީލަތްތަކާއި ފަންނީ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން މިވަގުތަކީ ހާސް ވާން ޖެހޭ ވަގުތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އަދި ކޮރޯނާ ވައިރަސްއާ ގުޅޭ އެއްވެސް ކަމެއް ސިއްރު ނުކޮށް ހާމަކުރަމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.
މީގެ އިތުރަށް، އެ ވައިރަސް ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފެނިއްޖެ ނަމަ ޑަބްލިއުއެޗްއޯ އާ ގުޅިގެން ޓެސްޓު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ކޮރޯނާ ވައިރަސް ޖެހުނު 42 މީހަކު ޗައިނާ އިން މިހާތަނަށް ވަނީ މަރުވެފަ އެވެ. އެހެންކަމުން މިވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ޗައިނާ އިން ވަނީ 56 މިލިއަން މީހުންނަށް ދަތުރުކުރުން ހަނިކުރުމަށްވެސް ފިޔަވަޅުތަކެއް އަޅާފަ އެވެ.