ޚަބަރު

ހާއްސަ ޔުނިޓުގައި ހުންނެވި ނަމަވެސް ޔާމީނަށް އަސާސީ ތަކެތި ޖަލަށް ނުވެއްދޭ: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވި ހާއްސަޔުނިޓުގައި ނަމަވެސް އެންމެ އަސާސީތަކެތި ވެސް ޔާމީނަށް ޖަލަށް ނުވެއްދޭ ކަމަށް ޕިއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

އަދުރޭ މިފަދައިން ވިދާޅުވީ ރައީސް ޔާމީނު ޖަލުގައި ހުންނެވި ޙާލަތާ ގުޅޭ ގޮތުން ޢަބްދުއްރަޙީމް ދައްކަވާ ވާހަކަފުޅުތަކަކީ ދޮގު ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައެވެ.

އިމްރާން އިއްޔެ ކުރެއްވި ވީޓެއްގައި ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ، މއ. ކާމިނީ ހުޅަނގުގެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުކުމް ތަންފީޒު ކުރަމުން ގެންދަނީ ކުރީ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމް "ނުހައްގުން" ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެތަނުގައި ކަމަށެވެ.

ރޭ ހއ. ވަށަފަރުގައި އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޔާމީން ވެސް ހުންނެވީ ކުރިން ޖަލަށް ލެވުނު ރައީސް މައުމޫނާއި ރައީސް ނަޝީދުވެސް ހުންނެވި ގޮޅީގައި ކަމުގައެވެ. ނަމަވެސް ތަފާތަކީ އެއިރު އެބޭފުޅުން ބޭނުންފުޅު އެއްޗެއް ފަރިއްކުޅުއްވަން ލިބިވަޑައިގެންނެވުމާއި، ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި އަނބިއަނބިކަބަލުންނާ ބައްދަލުކުރެއްވުމާއި، އަދި އެދިވަޑައިގަންނަވާ ހުރިހާ އެއްޗެއް ޖަލަށް ގެންދެވުން ކަމުގައި އަދުރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީނުވަނީ އެކަންކަމުން މަހުރޫމުކުރެވިފައި، އެމަނިކުފާނުގެ އަނބިކަބަލުން ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި ޖަލަށް ވަޑައިނުގެންނެވޭ، އެމަނިކުފާނަށް ބޭނުންފުޅުވާ ބައެއް އަސާސީ ތަކެތި ޖަލަށް ނުވެއްދޭ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިކަންކަން ދިވެހިރައްޔިތުން ޤަބޫލުނުކުރާނެ ކަމަށާއި ރައީސް ޔާމީނަށް އެ ދެވެނީ އަނިޔާ ކަމަށެވެ. އޭގެ އިތުރުން ޖަލުގައި ރައީސް ޔާމީނު ހުންނެވި ގޮޅިއަކީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވުމާ ގުޅިގެން އެމަނިކުފާނު ހުންނެވުމަށް ރައީސް ޔާމީނުގެ ވެރިކަމުގައި ޢުމަރު ނަޞީރުގެ ހޯމް މިނިސްޓަރު ކަމުގައި ތައްޔާރުކުރި ގޮޅިއެއް ކަމަށާއި އެއީ ކުރީގެ ރައީސުން ކުށްވެރިވި ނަމަވެސް އެބޭފުޅުންނަށް ޤަދަރާއި އިޙުތިރާމް ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމުގައި ރައީސް ޔާމީން ދެކެވަޑައިގެން ކުރެއްވި ކަމެއް ކަމުގައިވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އިދުރޭ އިތުރަށް ވިދާޅުވީ އިދިކޮޅަށް ހިތްވަރާއި ޢަޒުމު ލިބެނީ ރައީސް ޔާމީނުގެ ކިބައިން ކަމަށާއި އެމަނިކުފާނު ހުންނެވީ ދިވެހިރައްޔިތުންގެ ޙައްޤުގައި ވެވަޑައިގަންނަވަން ޖެހުނު ކޮންމެ ޤުރުބާނީއެއް ވެވަޑައިގަތުމަށް ތައްޔާރަށް ކަމަށެވެ. އަދި ޖަލުގައި ހުންނެވި ނަމަވެސް ރައީސް ޔާމީނުގެ ހުރިހައި ކަންބޮޑުވުމެއް ގުޅިފައިވަނީ ޤައުމާ ކަމުގައިވެސް އަދުރޭ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!