ޚަބަރު

މާލެ ސަރަޙައްދުގައި މި އަހަރު ވެސް ފިތުރު ޢީދު ނަމާދެއް ނުކުރާނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި މިއަހަރު ވެސް ފިތުރު ޢީދު ނަމާދު ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން ކުރިން ނިންމާފައި ވަނީ ފިތުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ނުކޮށް މިސްކިތްތަކުގައި ކުރުމަށެވެ.

ނަމަވެސް އިއްޔެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 18 އާ ހަމައަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށެވެ.

އެޗްޕީއޭގެ އެ އެންގުމާ ގުޅިގެން މާދަމާގެ ޢީދު ނަމާދު ، މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ކުރިއަށް ދާނެތޯ "ދެން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިސްމާއިލް އަފްރާޙް ވިދާޅުވީ މާދަމާގެ ފިތުރު ޢީދު ނަމާދު މިސްކިތްތަކުގައި ކުރުމެއް ނޯންނާނެ ކަމަށެވެ.

މިސްކިތްތަކުގައި މި އަހަރު ވެސް ފިތުރު ޢީދު ނަމާދު ނުކުރާނެ ކަމަށް އަފްރާޙް ވިދާޅުވި ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލު ހާމަ ކުރައްވާނީ މިއަދު ނެރޭ ސާކިއުލާއެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރުމުގެ ސަބަބުން މިދިޔަ އަހަރުގެ ރަމަޟާން މަހު މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. އެހެންކަމުން 2020 ވަނަ އަހަރުގައި ވެސް މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ފިތުރު ނަމާދު ނުކުރެވުނެވެ.

އެއަށްފަހު ކޮވިޑްގެ ހާލަތު ތަންކޮޅެއް ރަނގަޅުވެ، ލޮކްޑައުން ވެސް އުވައިލެވުނެވެ. ނަމަވެސް އަނެއްކާ ވެސް ރާއްޖޭގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދުތައް އިންތިހާއަށް އިތުރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!