ޚަބަރު

އެމްޑީޕީ ޓިކެޓު 389 ކެނޑިޑޭޓުން ކަށަވަރުކޮށްފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާ ބައެއް ފަރާތްތަކުން ޓިކެޓު ކަށަވަރުކޮށްފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ އިންތިހާބީ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ޓިކެޓު 389 ކެންޑިޑޭޓަކު ކަށަވަރުކޮށްފައިވާ ކަމަށާއި ޓިކެޓު ކަށަވަރު ކޮށްފައިވާ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ލިސްޓު އެޕާޓީގެ ވެބްސައިޓުގައި ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ރ. މީދޫ އާއި ޅ. އޮޅުވެލިފުށީގެ އެއްވެސް ގޮނޑިއަކަށް މީހަކު ކުރިމަތިލާފައެއް ނުވާ ކަމަށެވެ.

އަދިވެސް ބައެއް ރަށްރަށުގެ ގޮނޑިތަކަކަށް ކުރިމަތިނުލާ ގޮނޑިތައް އެބަހުރިކަން ފާހަގަކުރައްވާ ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދާއިރާ ރައީސް އާއި ދާއިރާ މެންބަރުންނާ ވާހަކަ ދައްކާ މަޝްވަރާ ކުރުމަށްފަހު އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލާ ދާއިރާތަކަށް އެމްޑީޕީގެ މެންބަރަކު ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމަކީ ކާމިޔާބު ވެދާނެ ކަމެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް 1،364 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ވަނީ މީގެކުރިން ބުނެފައެވެ.

އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!