ހިޔާނާތުގެ ދައުވާ ކޮށްފިނަމަ މަގާމުން އިސްތިއުފާދޭނަން : މަހްލޫފް
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ދައުވާކޮށްފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހްލޫފްގެ ފޭސްބުކް އެކައުންޓުގައި މިއަދު އާންމުކުރި މެސެޖެއްގައި ބުނެފައި ވަނީ ލިސްޓުގައި ނަން އޮތުމަކީ ކުށްވެރިވުމެއް ނޫން ކަމަށާއި އަދި އެކަމުގައި ބައިވެރިވުމެއް ވެސް ނޫން ކަމަށެވެ. އެހެން ނަމަވެސް މަހުލޫފްގެ މައްޗަށް ދައުވާއެއް ކޮށްފިނަމަ މަގާމުގައި އެންމެ ދުވަހަކު ވެސް ނުހުންނާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވީ އޭނާގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފްގެ ޗެކުގެ މައްސަލައިގައި 2019 ވަނަ އަހަރު ރައީސް ސޯލިހް އޭނާ ސަސްޕެންޑްކޮށް އަދި ތަހުގީގީ އިދާރާތަކުން މައްސަލައެއް ނެތްކަމަށް އޭރު ނިންމުމުން މަގާމުގެ މަސްއޫލިއްޔަތު އަލުން ހަވާލުކޮށްފައި ކަމަށެވެ.
އަދި ހިޔާނާތުގެ ލިސްޓަކީ ސިޔާސީ ބަޔަކު އެކުލަވައިލި، އެ މައްސަލައާ ސީދާ ގުޅުން ނެތް އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއް ކަމަށް ވެސް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބޭނުންކޮށްގެން ކޮރަޕްޝަނާއި ޚިޔާނާތް ހިންގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަށް ނުވަތަ އެމްއެމްޕީއާރްސީގެ މައްސަލައިގެ ތެރެއިން މާލީ މަންފާ ލިބިފައިވާ ފަރާތްތައް ކަމަށް ބުނެ އެކުލަވައިލައިފައިވާ ލިސްޓު އާންމުކޮށްފައިވާއިރު ލިސްޓުގައި ހިމެނޭ ގިނަ މީހުން ވަނީ އެއްވެސް ފައިސާއެއް ލިބިފައި ނުވާނެކަމަށް ބުނެފައެވެ.