ޔާމީންގެ ޝަރީއަތް ލައިވް ނުކުރަން އުޅެނީ ސޯޓު ބޭލޭނެތީ: ޝުޖާއު
މަނީލޯންޑްރިންގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުން ލައިވް ނުކުރަން އުޅެނީ ސޯޓު ބޭލިދާނެތީ ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޔާމީންގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށާއިރު، ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ ޝަރީއަތް ލައިވްކުރުން ފަދަ ކަންކަމުގައި ނިންމުންތައް ނިންމޭނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ކަމަށާއި އެ މަޖިލީހުގެ އެފަދަ ނިންމުމެއް މިހާތަނަށް ނެތް ކަމަށެވެ.
މިކަމާއި ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްފަހަރު ލައިވް ކުރީމައި އޮތީ ސޯޓު ބޭލިފައި ކަމަށާއި ދެންވެސް ބޭލޭނެތީ ލައިވް ކުރަން ލަދުން އުޅޭ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ރައްޔިތުން އޮތީ ގޮތް ނިންމާފައި ކަމަށާއި، ރައީސް ޔާމީން ޖަލުގައި ހުންނެވީ ނުހައްޤުން ކަމަށެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ވަނީ ހުކުމްކޮށްފަ އެވެ. އެ ޝަރީއަތުގެ މަދު އަޑުއެހުންތަކެއް ފިޔަވައި އެހެން ހުރިހާ އަޑުއެހުމެއް ޓީވީން ވަގުތުން ދުރަށް ދެއްކި އެވެ. އެއީ ރާއްޖޭގައި ޝަރީއަތެއް ލައިވްކޮށް ޓީވީން ދެއްކި ފުރަތަމަ ފަހަރެވެ.