ޚަބަރު

ޔާމީންގެ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ލައިވްކުރުމަށް އިދިކޮޅުން ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ލައިވްކޮށްދިނުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

ޔާމީންގެ މައްޗަށް ކްރިމިިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ހެނދުނު ހައިކޯޓުގައި ތާވަލުކޮށްފައިވާއިރު މި އަޑުއެހުން ލައިވް ނުކުރަން ވަނީ ނިންމާފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޔާމީންގެ ޝަރީއަތުގެ މަދެއް އަޑުހެމެއް ފިޔަވައި ހުރިހާ އަޑުއެހުމެއް ވެސް ލައިވްކޮށްފައިވެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވީ ޔާމީންގެ ޝަރީއަތުގެެ ފުރަތަމަ މަރުހަލާ ލައިވްކޮށް ކުރިއަށް ގެންދިޔުމަށްފަހު އިސްތިއުނާފްގެ މަރުހަލާ ލައިވް ނުކުރަން ނިންމި ނިންމުމާމެދު ސުވާލު އުފެދޭ ކަމަށާއި ޕީޕީއެމް/ޕީއެންސީން އެދެނީ ޔާމީންގެ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ލައިވްކޮށްދިނުމަށް ކަމަށެވެ.

ޔާމީންގެ ޝަރީއަތުގެ ފުރަތަމަ މަރުހަލާއިން އެމަނިކުފާނުގެ މައުސޫމުކަން ރައްޔިތުންނަށް ހާމަވެފައިވާ ކަމަށާއި އިސްތިއުނާފް މަރުހަލާ ލައިވް ނުކުރަން ނިންމީ ސަރުކާރުން އެކަން އެގޮތަށް ކުރަން ބޭނުން ނުވާތީ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި މި ޝަރީއަތުގެ ދެވަނަ މަރުހަލާ ލައިވް ނުކުރަން މި ނިންމި ނިންމުމަކީ އެއީ ފުރަތަމަ މަރުހަލާ ލައިވް ކުރީމަ މި މައްސަލަ ވަރަށް ސާފުކޮށް ރައްޔިތުންނަށް އޮޅުންފިލީމަ، އެކަމާދެތެރޭ މި ސަރުކާރުން ޖެހުލުންވީ. އެހެންވެގެން ސަރުކާރުން ބޭނުންފުޅުވި ކަމަށް އަޅުގަނޑު ގަބޫކުރަނީ ދެން އެއްވެސް މަރުހަލާއެއް ލައިވް ނުކުރަން" އަދުރޭ ވިދާޅުވިއެވެ.

ފަސް އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމުގައި ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!