އިސްތިއުނާފް ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް ޔާމީން މާލެ ގެނެސްފި
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް އެމަނިކުފާނު މާލެ ގެނެސްފިއެވެ.
ޔާމީންގެ މައްޗަށް ކްރިމިިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ފަށާނީ 11:30 ގައި ހައިކޯޓުގައެވެ.
މި އަޑުއެހުން ޓީވީން ލައިވް ނުކުރަން ވަނީ ނިންމާފާއިވާއިރު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޔާމީންގެ ޝަރީއަތުގެ ގާތްގަނޑަކަށް ހުރިހާ އަޑުއެހުމެއް ވެސް ލައިވްކޮށް ދުރަށް ދައްކާފައިވެއެވެ.
އިދިކޮޅުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޔާމީންގެ ޝަރީއަތުގެެ ފުރަތަމަ މަރުހަލާ ލައިވްކޮށް ކުރިއަށް ގެންދިޔުމަށްފަހު އިސްތިއުނާފްގެ މަރުހަލާ ލައިވް ނުކުރަން ނިންމި ނިންމުމާމެދު ސުވާލު އުފެދޭ ކަމަށާއި ޕީޕީއެމް/ޕީއެންސީން އެދެނީ ޔާމީންގެ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ލައިވްކޮށްދިނުމަށް ކަމަށް ބުނެފައެވެ.
ފަސް އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމުގައި ބުނެފައިވެއެވެ.