ޚަބަރު

ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ކަނޑައެޅުމުން ޕީޖީން ސުޕްރީމް ކޯޓަށް

ދެން އެމްވީ ، ދެން އޮންލައިން

ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮތް ގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައެޅުމާ އެކު، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ދައުލަތުން ނިންމައިފި އެވެ.

Ads by Sosun Fihaara

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 147 ވަނަ މާއްދާގައި ބުނަނީ (ހ) ހެކިބަސް ނަގަންވާނީ އާންމުކޮށް ހުޅުވާލެވިފައިވާ ޝަރީއަތެއްގައި، ޝަރީއަތުގެ މަޖިލީހަށް އެ މީހަކު ހާޒިރުކޮށް، ހުވައިމަތީގައި އެ މީހުންނާ ސުވާލުކޮށްގެން ކަމަށެވެ. 149 ވަނަ މާއްދާގައި ބުނަނީ (ހ) ހެކިބަސް ނަގަންވާނީ ޝަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ހެއްކާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

އެހެންވެ، ގާނޫނު އޮތްގޮތުން މިހާރު ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގުމުގެ ބާރެއް ކޯޓުތަކަށް ނެތް ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައެޅީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ބާތިލްކުރި ހުކުމުގަ އެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ސިއްރުން ހެކިބަސް ނެގުމުގެ އިހްތިޔާރު ކޯޓުތަކަށް ލިބޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާއިރު ހެއްކާ ބެހޭ ގާނޫނުގައި އެފަދަ ވާހަކައެއް ނެތީސް ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނީ ހައިކޯޓުން އަބްދުﷲ ސައީދުގެ މައްސަލައިގައި ކުރި ހުކުމުގައި، ސިއްރު ހެކިބަސް ނަގާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށް ބުނާ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ހައިކޯޓުގެ 387/އޭ-އެޗުސީ/2018 ގަޟިއްޔާގައި ސިއްރު ހެއްކާބެހޭގޮތުން ކަނޑައެޅުއްވި އުސޫލު، ގާނޫނީ ގޮތުން ރަނގަޅުކަމަށް ނުފެންނާތީ، އެގަޟިއްޔާގެ އެބައި (ގާނޫނު މާނަކުރުމުގެ ބައި) ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް މިއޮފީހުން ނިންމައިފީއެވެ." ޕީޖީ އޮފީހުން ބުންޏެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!