ޚަބަރު

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

Ads by MWSC

އެގޮތުން ބޭއްވި ޚާއްޞަ ހަފުލާގައި އަހަރީ ހަފުލާގައި ބައިވެރިވެވަޑައިގެންނެވުމަށް މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެ އޭރިއާއަށް ވަޑައިގެންނެވުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒްއިން އެބޭފުޅުންނަށް މަރުހަބާ ދެންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި، އެ އޭރިއާގެ އޮފިސަރުންނާއި ސިފައިންނެވެ.

އަދި، ޑިފެންސް މިނިސްޓަރުގެ ޝަރަފުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ހެޑްކްއޯޓަރޒްއަށް ވަޑައިގެން ޑިފެންސް މިނިސްޓަރ، ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރޭ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް، ލ. ކައްދޫގައި ބޭއްވި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ 26 ވަނަ އަހަރީ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ، ޑިފެންސް މިނިސްޓަރ މާރިއާ އެވެ. މި ހަފުލާގައި ޑިފެންސް މިނިސްޓަރާއި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އޭގެ އިތުރުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މަސައްކަތްކުރާ ސިފައިންގެ ތެރެއިން، ފާހަގަކޮށްލެވޭ މަސައްކަތްތައް ކޮށްފައިވާ ސިފައިންނަށާއި، އެކި ގޮތްގޮތުން އޭރިއާއަށް ރީތި ނަން ހޯދާފައިވާ ސިފައިންނަށް، މި ހަފުލާގައި ވަނީ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ. އަދި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މަސައްކަތްކުރާ އާންމު މުވައްޒަފުންގެ ތެރެއިން އޭރިއާގައި 25 އަހަރު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ހަފުލާގައި ހަނދާނީ ލިޔުން ދެއްވާފައިވެއެވެ. އެފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މި ހަފުލާގައި، ޑިފެންސް މިނިސްޓަރާއި، ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި، އެމްއެންޑީއެފްގެ ބައެއް ޔުނިޓްތަކުގެ ކޮމާންޑަރުންނާއި، ލ.އަތޮޅުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިންނާއި ސިފައިންގެ ޢާއިލާތަކުން ބައިވެރިވެލެއްވިއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ޚިދުމަތް ފަށާފައިވަނީ 1993 ނޮވެމްބަރ 25 ވަނަ ދުވަހު، "ރީޖަނަލް ހެޑްކްއޯޓަރޒް – ލ.ކައްދޫ" ގެ ނަމުގައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!