ކޮރޯނާ ވައިރަސްއާ ގުޅިގެން 2000 އަށްވުރެ ގިނަ ބުކިން ވާނީ ކެންސަލްކޮށްފައި: އަލީ ވަހީދު
ކޮރޯނާ ވައިރަސްގެ ސަބަބުން 2000 އަށްވުރެ ގިނަ ބުކިން ކެންސަލްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަސްއާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތުދިނުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރުން އިގްތިސާދީ ކަންކަމަށްވުރެ ވެސް އިސްކަން ދޭނީ ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރި ކަމަށް ކަމަށެވެ. އެ ގޮތުން މިހާތަނަށް ވެސް ރާއްޖެ އަންނަން ހަމަޖެހިފައިވާ 2،000 މީހުންގެ ބުކިން ކެންސަލް ކޮށްފައިވާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
"މިރެއާ ހަމައަށް ރާއްޖެ އަންނަން ހަމަޖެހިފައިވާ 2000 ވުރެ ގިނަ މީހުން ބުކިން ކެންސަލް ކޮށްފައިވޭ. އޭގެ ތެރެއިން ހަތަރުބައި ކުޅަ ތިން ބައި މީހުންނަކީ ޗައިނާ ފަތުރުވެރިން. އެއީ ގާތްގަނޑަކަށް 1466 މީހުން." އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާގެ ވަގުތެއްގައި ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އިތުރު ނިންމުންތައް ސަރުކާރުން އޭގެ ފަހުން ނިންމާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އަމަލު ކުރަމުން އަންނަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ލަފައާއި އިރުޝާދާ އެއް ގޮތަށް ކަމަށާއި ޗައިނާ ފަތުރުވެރިންގެ އެރައިވަލްތަކާ ގުޅޭ ގޮތުން ވެސް ގޮތެއް ނިންމާނީ އެ އިރުޝާދުތަކާ އެއް ގޮތަށް ކަމަށެވެ. ހާލަތު ގޯސްވަމުންދާ ވަރަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
މިހާރު ގިނަ ގައުމުތަކުން ޗައިނާ ރައްޔިތުންނަށް އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި ގުޅިގެން ރާއްޖެއިން އެފަދަ ފިޔަވަޅެއް ނާޅަނީ ކީއްވެ ތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން އަލީ ވަހީދު އެކަމަށް ސީދާ ޖަވާބެއް ނުދެއްވައެވެ. މިނިސްޓަރު ވިދާޅުވީ މިވަގުތު އެންމެ މުހިންމީ ސަރުކާރުން މި ބައްޔަށް ތައްޔާރުވެފައިވާ މިންވަރު އެނގުން ކަމަށާއި ދެން ހުރި ކަންކަން ޑަބްއިލުއެޗްއޯގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމާބެހޭ ފަރާތްތަކުން ލަފަޔާ އެއްގޮތަށް ކުރަމުން ގެންދާނެ ކަމަށެވެ.