ޚަބަރު

ޓޫރިޒަމް މިނިސްޓްރީގެ ނާއިބަކަށް ބޭފުޅަކު އައްޔަންކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޓޫރިޒަމް މިނިސްޓްރީއަށް ނާއިބަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޔަންކުރައްވައިފިއެވެ.

Ads by Hajj Corporation

އެ މަގާމަށް ރައީސް ސޯލިހު އައްޔަން ކުރައްވާފައިވަނީ ހދ. އަތޮޅުގެ ކުރީގެ ކައުންސިލަރެއް ކަމަށްވާ ހދ.ކުޅުދުއްފުށި، މާވިނަ، އަހުމަދު އާތިފުއެވެ. އޭނާއަކީ އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް މީގެކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެ ކައުންސިލްގެ ނާއިބު ރައީސްކަންވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި އާތިފް އަންނަނީ ބްރިޓިޝް ސްކޫލް އޮފް ކޮމާސް އިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެވިޑް ކޮލެޖުން ގްރެޖުއޭޓް ޑިޕްލޮމާވެސް އޭނާ ވަނީ ހާސިލުކުރައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށްވުރެ މި ސަރުކާރުގައި ސިޔާސީ މަގާމުތައް އިތުރު ނުކުރައްވާނެ ކަމަށް ވިދާޅުވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް ޔާމީންގެ ސަރުކާރަށްވުރެ 60 އިންސައްތަ ސިޔާސީ މަގާމުތައް އިތުރެވެ. އަދި މިއަހަރުގެ ބަޖެޓުން ސިޔާސީ މަގާމުތަކަށް އެކަނިވެސް 331.2 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!