ޚަބަރު

ބްރޯޑްކޮމްގެ ކުރީގެ ނިންމުންތައް ރިވިއު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިން ނިންމާފައިވާ ނިންމުންތައް ވެސް ރިވިއު ކުރަން އެދި އެ ކޮމިޝަނަށް ހުށަހެޅޭ ގޮތަށް އެ ކޮމިޝަނުން މިއަދު ހަމަޖައްސައިފި އެވެ.

Ads by STELCO

ބްރޯޑްކޮމް އިން މިއަދު ބުނީ އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމާއި ބަލައިގަތުމުގެ އުސޫލަށް މިއަދު ގެނައި އިސްލާހުގެ ދަށުން އެ ކޮމިޝަނުން ކުރިން ނިންމާފައިވާ މައްސަލަތައް ރައްދުވާ ފަރާތްތަކުން އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ ނިންމުން ރިވިއު ކުރަން އެ ކޮމިޝަނަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން ނިންމުން ރިވިއުކުރަން ހުށަހަޅާ މައްސަލަތައް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރިވިއު ކުރަން ހުށަހަޅަން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެކަމަކު ރިވިއުކުރަން ނިންމާފައިވާ، ރިވިއު ކުރަންޖެހޭ އެކަށީގެންވާ ގާނޫނީ ސަބަބުތަކެއް ހުރި ނަމަ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން ބްރޯޑްކޮމް އަށް ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން މައްސަލާގައި ހިމެނޭ ދެ ފަރާތުން ސުލްހަވެރި ހައްލަކަށް އާދެވޭނެ ކަމަށް ކޮމިޝަނަށް ފެންނަ މައްސަލަތަކުގައި ހައްލެއް ލިބޭތޯ ބެލުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއެއް ވެސް ފަށަން ނިންމާފައިވާ އެ ކޮމިޝަނުން ބުންޏެވެ. އެފަދަ މައްސަލަތަކުގައި ޑިސްޕިއުޓް މަރުހަލާގައި ދެ ފަރާތުން އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އެގޮތަށް މައްސަލަ ނިންމާނެ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!