ޚަބަރު

މަސްތުވެގެން މިސްކިތަށް އެރި މީހަކު އަނެއްކާ ވެސް ހައްޔަރަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ޖަލާލުއްދީން މިސްކިތް/ ދެން ފައިލް ފޮޓޯ

މަސްތުގެ ހާލަތުގައި ހުރެ މިސްކިތަށް އެރި މީހަކު އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.

Ads by STELCO

އެމީހާ ހައްޔަރުކޮށްފައި ވަނީ ވިޔަފާރިވެރިންގެ މިސްކިތުން ރޭ 1:35 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

އެމައްސަލަ ފުލުހުން ތަހުގީގް ކުރަމުން ދާއިރު މިދިޔަ ހޯމަ ދުވަހު ވެސް ފުލުހުން ވަނީ މަސްތުގެ ހާލަތުގައި ތިބި ކަަމަށް ތުހުމަތުވި 15 މީހަކު މާލޭގެ އެކި މިސްކިިތްތަކުން ހުއްޓުވައި ހައްޔަރު ކޮށްފައެވެ.

މި މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ހަތް މީހަކު ރިމާންޑް ސެންޓަރުގައި 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި 8 މީހަކު ކަސްޓޯޑިއަލް ޖަލެއްގައި ތިން ދުވަހު ބަންދުކޮށްފައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.

މަސްތުގެ ހާލަތުގައި ހުރެ ރޭ މިސްކިތަށް އެރި މީހާ ހައްޔަރު ކުރި ވީޑިޔޯއެއް ވެސް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

ކޮވިޑް19ގެ ހާލަތު ގޯސްވެ މާލޭގައި ކާފިއު އިއުލާނު ކޮށްފައިވާއިރު މިސްކިތްތަކުގައި ނިދުމާއި އެއްޗެހި ދޮވުމާއި މަސްތުވާކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

މަސްތުގެ ހާލަތުގައި ތިބެ މިސްކިތްތަކަށް އެރުމާއި މިސްކިތުގައި މަސްތުވާތަކެތި ބޭނުން ކުރުން އިތުރުވެފައިވާއިރު މިކަންކަން ހުއްޓުވުމަށް ފުލުހުން ވަނީ މަސައްކަތް ފަށައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ކުރާ މީހުން ހައްޔަރުކޮށް މައްސަލަ ތަހްގީގް ކުރާނެކަމަށް ފުލުހުން ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!