ވައިރަހަށް ޝައްކުކުރެވޭ މީހާ ކަރަންޓީން ކުރުމުގައި ހަރަކާތްތެރިވީ ސިފައިން
ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ދިވެހި ޒުވާނާ ކަރަންޓީން ކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވި ސިފައިންނަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތައުރީފް ކުރައްވައިފި އެވެ.
ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ ޗައިނާގެ ޒިއާބިން ސިޓީގައި ބޭއްވި ފެއާއެއްގައި ބައިވެރިވުމަށް ބުދަ ދުވަހުގެރޭ މާލެ އައި މީހެކެވެ.
އޭނާގެ ހާލަތު ޔަގީން ކުރެވެންދެން މިހާރު ވަނީ ފުނަދޫގައި ހުރި އައިސޮލޭޝަން ސެންޓަރުގައި ކަރަންޓީން ކޮށްފައެވެ. މިއީ ކޮރޯނާއާއި ގުޅިގެން ރާއްޖޭގައި ކަރަންޓީން ކުރި ފުރަތަމަ މީހާއެވެ.
އެ މީހާ ކަރަންޓީން ކުރުމުގައި ހަރަކާތްތެރިވެފައިވަނީ ސިފައިންކަން ފާހަގަ ކުރައްވާ މިނިސްޓަރު މާރިޔާ ވަނީ އެ ސިފައިންނަށް ތައުރީފު ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ޒުވާނާ ކަރަންޓީން ކުރުމުގައި ހަރަކާތްތެރިވި ސިފައިންނަށް ހިތުގައި އޮތީ ރައްކާތެރިކަން މިންވަަރު ކުރެއްވުމަށް އެދި ކުރެވޭ ހެޔޮ ދުއާ ކަމަށެވެ.
އަދި އެ ސިފައިންގެ އާއިލާތަކާއި، ވައިރަސް އަރާފައިވެދާނެ ކަމަށް ޝައްކު ކުރެވޭ ޒުވާނާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަނީ އެ ސިފައިންނަށް ތައުރީފު ކުރައްވާފައެވެ. ވިދާޅުވީ ސިފައިން އަބަދުވެސް އިސްކުރާނީ ގައުމު ކަމަށެވެ. އަދި ގައުމާއި ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ އިސްކޮށް ނިކުމެ ތިބޭނީ ސިފައިން ކަމަށެވެ.