ދީން

މަރުވުމުން ބައްދަލުވާނެ ސިފަ ހުތުރު ބިރުވެރިމީހާގެ ވާހަކަ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ކޮވިޑް ބަލީގައި ނިޔާވި މީހަކު ވަޅުލާން ފަސް ކޮންނަނީ/ ދެން އިމޭޖްސް: އިބްރާހިމް ޝަމްވީލް

ކާފިރުން މަރުމުން ވަޅުލެވި ސުވާލުކުރެވި އެކަންކަމުގެ މަރުޙަލާ ނިމިގެން ދިއުމުން އެމީހުންގެ މަހާނައިން ނަރަކައަށް ދޮރެއް ނުވަތަ މަގެއް ހުޅުވިގެންދާނެއެވެ. އެވަގުތު އެމީހާގެ ގާތަށް މީހަކު އަންނާނެއެވެ. އެއީ އިންސާނަކަށް ފެންނާނެ އެންމެ ހުތުރު ސޫރައިގައި ހުންނާނެ މީހެކެވެ. ގައިގެ ފޭރާމުން ވެސް ދުވާ ކުނިވަހުން ވެސް ނޯށް ދަމައިލަން ނުކެރޭނެއެވެ.

Ads by Sosun Fihaara

އެމީހާ ބުނާނެއެވެ. ކަލެއަށް ހުރީ އުފާވެރިކަމުގެ ޚަބަރުތަކެވެ. ނަމަވެސް ކޮން ކަންކަމަކުންކަން އެނގޭ ހެއްޔެވެ؟ އެމީހާއަށް ކަށްވަޅުގައި ލިބޭނެ ގަދަ ފަދަ ޢަޛާބުގެއެވެ. ކުރިމަތިވާނެ މުޞީބާތްތަކުގެއެވެ. ލިބޭނެ ހިތްދަތިކަމާއި އަނިޔާތަކުގެއެވެ.

އެމީހާ ބުނާނެއެވެ. މިކަންކަން ކަލޭ ދުނިޔޭގައި ޤަބޫލު ނުކުރީއެވެ! ކޮންމެ ދުވަހަކުހެން ލިބެމުން ދިޔަ އިންޒާރުތަކުގެ އަޑުތަކަށް ކަލޭ ދިނީ ބީރު ކަންފަތެކެވެ. ކީރިތި ޤުރްއާނުގެ އާޔަތްތައް ކަލޭ ޤަބޫލުނުކުރީއެވެ ! ރަސޫލާގެ ޙަދީޘްފުޅުތައް ކަލޭ ޤަބޫލުނުކުރީއެވެ. ހުކުރު ޚުޠުބާތަކާއި ދީނީ ދަރުސްތައް ކަލޭ ޤަބޫލުނުކުރީއެވެ. މަރުވާނެ ކަމާއި ސުވާލުކުރެވޭނެ ކަމާއި މިދުވަސް އަންނާނެކަން ކަލޭ ޤަބޫލުނުކުރީއެވެ. އެކަމުގެ އަގު މިއަދު ކަލޭ އަދާ ކުރާށެވެ!

އެހިނދު އެމީހަކީ ކާކުތޯ އޭނާ ސުވާލުކުރުމުން އެމީހާ ޖަވާބުގައި ބުނާނެއެވެ. އަހަރެންނަކީ ކަލޭ ދުނިޔޭގައި ހުރެ ކުރި ނުބައި އަމަލުތަކެވެ. ކަލޭކުރި ނުބައި އަމަލުތަކަށް ﷲ ތަޢާލާ މިއަދު މިސޫރަ ދެއްވަވައިފައި މިވަނީ ކަލޭކުރި ނުބައި އަމަލުތައް ޤިޔާމަތާ ހަމައަށް ކަލެއާ އެކުގައިވެ، ކަލެއަށް ގަދަ ފަދަ ޢުޤޫބާތް ދެއްވެވުމަށް ﷲ ތަޢާލާ އިރާދަކުރެއްވުމުންނެވެ.

އެހިސާބުން އެމީހާ ﷲ ތަޢާލާއަށް ދުޢާކުރަން ފަށާނެއެވެ! ދުވަހަކުވެސް ޤިޔާމަތް ނުވުން އެދިއެވެ. އެއީ ޤިޔާމަތް ދުވަހު އޭނާއަށް ދެއްވަވާނެ ޢަޛާބު އޭނާއަށް ކަށްވަޅުގައި ދެއްވަވާ ޢަޛާބަށްވުރެ އެތައް މިލިއަން ގުނައަކަށް އިތުރުވެގެންދާނެކަން އޭނާއަށް އެނގޭތީއެވެ. އަދި ޢަޛާބު ދާނީ ދުވަހެއް ދުވަހެއް ދުވަހަކަށް ގަދަފަދަވެ އިތުރުވަމުންކަން ވެސް އެނގޭތީއެވެ.

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގައި މިއަދު މިކަންކަމަށް ޣާފިލުވެ ފާފަތައްކުރަމުން ދުވަސްތައް ވޭތިކުރަމުން ގެންދާއިރު މަރުވުމުން ކުރިމަތިވާނެ އެއްވެސް ކަމަކުން އެއްވެސް މީހަކަށް ސަލާމަތެއް ނުވެވޭނެއެވެ! ގަދަފަދަ ޢަޒާބުން ސަލާމަތްވުން އޮތީ މިއަދު އެކަމަށް ކުރި މަސައްކަތަކުންނެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރި މިންވަރަކުންނެވެ!

ނޯޓް: ޝައިޚް ޢަހްމަދު ޢަލީގެ ދަރުސަކުން ނެގިފައި

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!