ޚަބަރު

މަހްލޫފް މައްސަލައިގެ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ޕީޖީން އޭސީސީއަށް އަންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާ ދެކޮޅަށް ދައުވާ ކުރި ބައެއް ކަންކަން ފުރިހަމަ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިފިއެވެ.

Ads by STELCO

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ ޕީޖީ އެގޮތަށް އަންގަވައިފައި ވަނީ އެ މައްސަލައިގައި މީގެ ކުރިން މި އަހަރުގެ ފެބުރުއަރީ މަހުގައި އިސްލާހް ކުރުމަށް އެންގި ކަންކަން އިސްލާހްކޮށްފައި ނުވާތީ ކަމަށާއި އޭގެ އިތުރުން މައްސަލައިގެ ބައެއް ލިޔުންތައް ވެސް ހިއްސާކޮށްފައި ނުވާތީ، އެ ލިޔުންތައް ވެސް ހިއްސާކުރުމަށް ކަމަށެވެ.

މިނިސްޓަރ މަހުލޫފްގެ މައްސަލައިގެ ބައެއް ކަންކަން ފުރިހަމަ ކުރުމަށް އޭސީސީއަށް އެންގީ ލިޔުމަކުން ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަފީއު ވިދާޅުވީ މި މައްސަލައިގެ ބައެއް ކަންކަން ފުރިހަމަ ކުރުމަށް އޭސީސީއަށް އެންގި ނަމަވެސް އެ މައްސަލަ އަނބުރައި ފޮނުވައި ނުލާ ކަމަށެވެ. އަދި އެ މައްސަލަ އަދިވެސް އޮތީ ޕީޖީ އޮފީހުގައި ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

މިނިސްޓަރ މަހްލޫފްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފައި ވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައިގައެވެ. އެގޮތުން އެ މައްސަލައިގެ ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައިވާ ކަން އެނގޭ ކަމަށް އޭސީސީއިން ހާމަކޮށްފައި ވެއެވެ.

މި ދައުވާއާއި ތުހުމަތުތަކަށް މިނިސްޓަރ މަހުލޫފު ވަނީ އިންކާރު ކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ފެށުނު ހިސާބުން ފެށިގެން ވެސް އޭނާއާ މެދު އަމަލު ކުރަމުން ދަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!