ބިރުވެރިކަން ނުއުފެދޭގޮތަށް ވައިރަސްގެ ހަބަރުތައް ގެނެސްދޭން އިލްތިމާސްކޮށްފި
ކޮރޯނާ ވައިރަހާ ގުޅޭ ހަބަރުތައް ގެނެސްދޭއިރު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން ނުއުފެދޭނެ ގޮތަށް ހަބަރުތައް ގެނެސްދިނުމަށް މީޑިޔާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
މީޑިއާ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ކޮރޯނާގެ ޚަބަރުތައް ގެނެސްދިނުމުގައި ރައްޔިތުންގެ ހިތްތަކުގައި އިތުރަށް ބިރުވެރިކަން ނުއުފެދޭގޮތަށް ވިސްނުމަށާއި ރާއްޖޭގެ އިގްތިސޯދާއި ގައުމީ މަސްލަހަތަށް އިސްކަންދީގެން ހަބަރާއި މައުލޫމާތު ފެތުރުމަށް އިލްތިމާސްކޮށްފައެވެ.
މީޑިޔާ ކައުންސިލުން މިރޭ ވަނީ ވައިރަހާ ގުޅޭ ހަބަރުތައް ފެތުރުމުގައި ސަމާލުކަންދޭންވީ ތިން ކަމެއް ފާހަގަކޮށްފައެވެ.
އެގޮތުން ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން ނުއުފެދޭނެ ގޮތަށް ވިސްނުމަށާއި، ރާއްޖޭގެ އިގުތިސާދާއި ގައުމީ މަސްލަހަތަށް އިސްކަންދީގެން ހަބަރާއި މައުލޫމާތު ފެތުރުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ކޮރޯނާ ވައިރަސްގެ ހަބަރާއި މައުލޫމާތު ފެތުރުމުގައި ޑަބްލިއުއެޗްއޯގެ ހިސާބުތަކަށް ރިއާޔަތް ކުރުމަށް އިސްކަން ދިނުން މީޑިއާ ކައުންސިލުން އެދެއެވެ.
މީގެ އިތުރުން މި ވައިރަސްއާ ބެހޭ ގޮތުން ފަތުރާ މައުލޫމާތުތަކަކީ ތެދު މައުލޫމާތުކަން ކަށަވަރުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުންމަށް ވެސް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
މީޑިޔާ ކައުންސިލުން ވަނީ ގައުމަށް ދިމާވާ މިފަދަ ހާދިސާތަކުގައި މީޑިޔާތަކުން މިހާތަނަށް އަމަލުކޮށްފައިވާ ޒިންމާދާރުކަން ބަލައިގަނެ، އެގޮތުގައި މި ހާލަތުގައި ވެސް ދެމިތިބުމަށް އިލްތިމާސްކޮށްފައެވެ.