މާސްކާއި ސެނެޓައިޒަރ އަގު ބޮޑުކޮށް ވިއްކަނީ
ޗައިނާގެ ވުހާން ސިޓީއިން ފުރަތަމަ ފެނުނު ނޮވެލް ކޮރޯނާ ވައިރަހުގެ ސަބަބުން މުޅި ދުނިޔެ މިވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ މި ނުރައްކާތެރި ވައިރަހުގެ ސަބަބުން މިހާތަނަށް ޗައިނާއިން އެކަނިވެސް ވަނީ 170 ވަރަކަށް މީހުން މަރުވެފައެވެ. އަދި މިހާތަނަށް ފަރުވާ ހޯދިފައިނުވާ ނުރައްކާތެރި ކޮރޯނާ ވައިރަސް ދަނީ ވަރަށް ހަލުވި ކަމާއިއެކު އެކި ގައުމުތަކުގައި ފެތުރެމުންނެވެ.
ޝައްކެއްނެތެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި ގައުމަކީ ހަގީގަތުގައި ސިއްހީ ގޮތުން އެހެން ގައުމުތަކާއި އަޅާބަލާއިރު ފަހަތުގައި އޮތް ގައުމެކެވެ. ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް އަދި ހަމަ ނުޖެހެއެވެ. އެ ނުރައްކާތެރި ވައިރަހުގެ ސަބަބުން ބިރުވެރިކަމެއްގައި ތިބި ދިވެހިންގެ ހިތްތަށް ބިރުން ފިއްކަނޑުވާލީ، ރޭ ހެލްތް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖެއިންވެސް ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހެއް ފެނިފައިވާ ކަން ހާމަކުރި ހިސާބުންނެވެ.
ރާއްޖެއިން ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހެއް ފެނުނުކަން ހާމަކުރި ހިސާބުން، ކޮންމެ މީހަކުވެސް އަވަސްވެގަތީ އެމީހަކާއި އާއިލާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. އެގޮތުން މެޑިކަލް މާސްކާއި ސެނެޓައިޒަރ ގަތުމަށް ގިނަ ބަޔަކު ބޭސް ފިހާރަތައް ދޮށަށް އެއްވާން ފެށިއެވެ. ކޮންމެ މީހަކުވެސް ބޭނުންވީ ބަލިން ރައްކާތެރިވުމަށް އެޅެން އޮތް ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ތިބުމަށެވެ.
މީސްމީޑިއާއިންނާއި ނޫސްތަކުގެ ފަލަ ސުރުހީ ތަކުން ޖާގަ ހޯދަމުން ދިޔައީ ބައެއް ގައުމުތަކުގައި ހިލޭ ސާބަހަށް މީހުންނަށް މާސްކް ފަދަ އެއްޗެހި ބަހަމުން ގެންދިޔަ ހަބަރުތަކެވެ. އެހެން ނަމަވެސަ ރާއްޖެއިން އިވެމުންދިޔައީ ވަރަށް ހިތާމަވެރި ހަބަަރުތަކެވެ. ބައެއް ފާމަސީ ތަކުން މާސްކާއި ސެނަޓައިޒަރގެ އަގު ބޮޑު ކުރި ހަބަރެވެ.
އެގޮތުން ކުރިން އާދައިގެ ސާޖަރިކަލް މާސްކް ފޮއްޓެއް ފާމަސީތަކުން ވިއްކަން ހުރީ، 50 ރުފިޔާއަށެވެ. އެހެންނަމަވެސް މިއަދާއި މިރޭ އޭގެ އަގުތައް ވަނީ ވަރަށް ބޮޑުތަން އުފުލިފައެވެ. އެގޮތުން ބައެއް ތަންތަނުން ދަނީ މާސްކް ފޮއްޓެއް 100 އާއި 200 އަށްވެސް ވިއްކަމުންނެވެ. މީގެ އިތުރުން، ކުރިން 20 ރުފިޔާ އަށް ލިބެން ހުންނަ ސެނިޓައިޒާ ފުޅިއެއްގެ އަގު މިހާރު ހުރީ 35 ރުފިޔާ އާއި 45 ރުފިޔާއާއި ދެމެދުގައެވެ.
މިއީ ވަރަށް ހިތާމަ ކުރަންޖެހޭ ކަމެކެވެ. މި ދަނޑިވަޅަކީ ވިޔަފާރިވެރިން ފައިދާ ހޯދުމަށް ވިސްނަންވީ ވަގުތެއް ނޫނެވެ. މިވަގުތަކީ ފަރުދީ ޒިންމާ އަދާކުރަންވީ ވަގުތެވެ. އެންމެން އެކައްޗެއް ކިޔައިގެން، ނުރައްކާތެރި ކޮރޯނާ ވައިރަހުން މި ގައުމު ސަލާމަތް ކުރަންވީ ވަގުތެވެ. މި ދަނޑިވަޅަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ލާމަސީލް މިސާލު ދުނިޔެއަށް ދަންކަންވީ ވަގުތެވެ.