ޚަބަރު

އެމްޑީޕީ ޕްރައިމަރީގައި ހިނގާ ދިޔައީ ޓެރެރިޒަމްގެ އަމަލެއް، ތަހުގީގު ކުރަން ޖެހޭ: އާދަމް ޝަރީފް

އިއްޔެ ކުރިއަށް ދިޔަ އެމްޑީޕީ ޕްރައިމަރީގައި ހިނގާ ދިޔައީ ޓެރެރިޒަމްގެ އަމަލެއް ކަމަށާއި އެ މައްސަލަ ސީރިއަސް ކަމާއެކު ތަހުގީގު ކުރަން ޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި އިއްޔެ ގއ. މާމެންދޫގައި ހިނގާދިޔަ ހަމަނުޖެހުންތަކެއްގެ ތެރެއިން ޕްރައިމަރީ ބާތިލްކޮށް އަލުން ޕްރައިމަރީ ބާއްވާނެކަން އެމްޑީޕީން އިއުލާން ކުރުމުން އެކަމާއި ހިތްހަމަނުޖެހިގެން ވޯޓުފޮއްޓާއި ވޯޓު ކަރުދާސްތައް ވަނީ އަންދާލާފައެވެ.

އާދަމް ޝަރީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރައިމަރީގައި ހިންގީ ޓެރެރިޒަމްގެ އަމަލެއް ކަމަށާއި މިގޮތަށް ކަންތައްތައް ދާ ނަމަ ކައުންސިލް އިންތިހާބު އޮމާން ކަމާއެކު ބޭއްވޭނެ ކަމަށް ނުފެންނަ ކަމަށެވެ.

"ހުޅުޖެހުމާއި އަލިފާން ރޯކުރުމަކީ ސަގާފަތަކަށް ނުހައްދަވާ. ޒިންމާ އުފުއްލަވާ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ގއ. އަތޮޅުގައި ޕްރައިމަރީ ބާއްވާ ތިން ރަށް ކަމަށްވާ ވިލިގިއްޔާއި ކޮލަމާފުއްޓާއި ދާންދޫގެ ވޯޓް ފޮށިތައް ވެސް ވަނީ ބާތިލްކޮށްފައެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ އެ ރަށްތަކުގެ ސްޕޯޓަރުންގެ މެދުގައި ހިނގި ކަންތައްތަކެއްގެ ސަބަބުން ވޯޓް ބާތިލް ކުރަން ނިންމާފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!