ޚަބަރު

ކޮރޯނާ ވައިރަހާ ގުޅޭ މައުލޫމާތު ފޮރުވުމެއް ނެތި އާންމުންނަށް ހާމަކޮށްދީ: އިދިކޮޅު

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅޭ މައުލޫމާތު ފޮރުވުމެއް ނެތި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖޭން ފެނިފައިވާ މި ދަނޑިވަޅުގައި އެ ބަލިން ރައްޔިތުން ރައްކާތެރިކޮށްދިނުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ގޮވާލާކަމަށެވެ.

"މި ބައްޔާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވައި، ފަސޭހައިން މި ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖައްސަވައި، ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަން ދެއްވައި، ވަމުންދާ ގޮތުގެ މައުލޫމާތު އެއްވެސް މިންވަރަކަށް ފޮރުވުމެއް ނެތި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް އިލްތިމާސް ކުރަން." އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮރޯނާ ވައިރަސްއަކީ ފަސޭހައިން ފެތުރޭ ވައިރަހެއް ކަން ފާހަގަކޮށް އިދިކޮޅު ކޯލިޝަނުން ބުނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން މާބަނޑު އަންހެނުންނާއި ކިޔަވާ ކުދިން ފަދަ ފަސޭހައިން ބަލި ޖެހިދާނެ ކަމަށް ބެލެވޭ ހާލަތުގައި ތިބި އެންމެންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ.

މިފަދަ ކޮންމެ ދަނޑިވަޅެއްގައި ވެސް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއްގައި ވެސް ކޯލިޝަންގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!