ޚަބަރު

ކޮމަންވެލްތު މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮމަންވެލްތުގެ ގައުމެއްގެ ގޮތުގައި ރަސްމީކޮށް ރާއްޖެ ކަނޑައަޅައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމަންވެލްތުގެ ހުރިހާ ޤައުމެއްގެ ފުރިހަމަ ތާޢީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިއްޖެ ކަމުގެ އުފާވެރި ޚަބަރު ކޮމަންވެލްތުގެ ސެެކެޓްރީ ޖެނެރަލް އެމަނިކުފާނަށް ދެއްވާފައިވާ ކަމަށެވެ.

"މިއީ ދިވެހި ރައްޔިތުންނަށް ބައިނަލްއަޤްވާމީ މަސްރަޙުގައި ލިބުނު ބޮޑު ކާމިޔާބީއެއް،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިއަދު ބުނީ ކޮމަންވެލްތްގެ މެންބަރުކަން އަލުން ލިބުމާއި ގުޅިގެން މިއަހަރު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ޖަމްއިއްޔާގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ކޮމަންވެލްތުގެ ސަބްސިޑަރީ ޖަމްއިއްޔާތަކުގައިވެސް ދިވެހިރާއްޖެއިން ބައިވެރިވެ، ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމައި، މަޖިލީހުން އޭރު ފާސްކުރީ، އޮކްޓޯބަރު، 13، 2013 ގަ އެވެ. ރާއްޖެ އޭރު ކޮމަންވެލްތުން ވަކިވާން ނިންމީ، ސަރުކާރުގެ އޭރުގެ އަމަލުތަކާ ގުޅިގެން އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުންނެވެ.

ކޮމަންވެލްތުގައި ރާއްޖެ އަލުން ބައިވެރިވުމަށް ހުށަހަޅާފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެއްގޮތަށް، ރާއްޖެއިން ކޮމޮންވެލްތްގައި އަލުން ބައިވެރިވުމަށް އެދޭކަމުގެ ސިޓީފުޅު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އެ ދުވަހު ފޮނުއްވެވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!