ޚަބަރު

ޕީޕީއެމް އަދި ޖޭޕީއަކު ވެސް އިންތިހާބުގައި ވާދަކުރުމުގެ ގާބިލްކަމެއް ނެތް: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަކަށް ވެސް ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއާ ވާދަކުރުމުގެ ގާބިލް ކަމެއް ނެތް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ޕްރައިމަރީއާ ބެހޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީން ބޮޑު މެޖޯރިޓީއެއް ނަގާނެ ކަމަށާއި އެހެން ޕާޓީތަކުން އިންތިހާބުގައި ބައިވެރިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑަ އެއްގޮތަކަށް ވެސް ލަފައެއް ނުކުރަން މި އިންތިހާބުގައި ޕީޕީއެމް އަށް ބައިވެރިވުމުގެ ގާބިލްކަން އެބޭފުޅުން ގައިގަ ހުރި ކަމަކަށް. އަދި އަޅުގަނޑު ލަފައެއް ނުކުރަން ޖުމްހޫރީ ޕާޓީން ވެސް މި އިންތިހާބުގައި ބައިވެރިވެ، އިންތިހާބަށް ކެންޑިޑޭޓުން ނެރުމުގެ ގާބިލް ކަން ހުރި ކަމަކަށް. އަދި ކެންޑިޑޭޓުން ނެރުމަށް އެ ބޭފުޅުން ޕާޓީ ތެރެއިން ކުރަން ޖެހޭ އެއްވެސް މަސައްކަތަކެއް ކޮށްފައެއް ނެތް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ އިންތިހާބާ ބެހޭ ގާނޫނުގައި އަދި ސިޔާސީ ޕާޓީތަކާއި ގުޅޭ ގާނޫނުގައި ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީއާ ގުޅޭ މާއްދާތައް ނެތުމުން ބައެއް ޕާޓީތަކުން އިންތިހާބަށް ކެންޑިޑޭޓުން ނެރުމުގައި ކަންތައް ކުރަމުން ދަނީ ވަރަށް ބޭ އިންސާފުކޮށް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއާ ހިލާފަށް ވާދަވެރި ޕާޓީތަކުން އެއްވެސް ދާއިރާއެއްގެ ޕްރައިމަރީއެއް ނުބާއްވާ ކަމަށާއި އެ ބޭފުޅުންނަށް ޕްރައިމަރީ ބާއްވާނެގޮތް ވެސް ނޭނގެނީ ކަމަށެވެ.

"އެ ބޭފުޅުންނަށް ނޭނގޭ އެއްގޮތަކަށް ވެސް ޕްރައިމަރީގެ ތެރެއަށް ވަންނާނެ ގޮތެއް ވެސް. އެ ބޭފުޅުންގެ ނެތް ކެންޑިޑޭޓުންނެއް ވެސް. އެޕްރީމް މަހުގެ ހަތަރު ވަނަ ދުވަހު ކެންޑިޑޭޓުންގެ ނަން ހުށަހަޅަން މިއޮތީ. ނަން ހުށަހަޅަން އޮތް އިރުގަ ޕީޕީއެމްގެ ވެސް އަދި ޖުމްހޫރީ ޕާޓީގައި ވެސް ހަމަ އެންމެ ކެންޑިޑޭޓެއް ވެސް ނެތް. އަދި އެ ބޭފުޅުންނަށް ކެންޑިޑޭޓެއް ކަނޑައެޅުނުގެ އުސޫލެއް ހަމައެއް ނިންމިފަކާއެއް ނެތް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީން އިންތިހާބު ފަށާނީ ވެސް 60 ޕަސެންޓު ކާމިޔާބު ވާނެ ކަމުގެ ޔަގީން ކަމާއެކު ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!