ޚަބަރު

ކޮމަންވެލްތުގެ ހަމަތައް ދެމެހެއްޓުމަށް އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނަން: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ކޮމަންވެލްތުގެ ހަމަތައް ދެމެހެއްޓުމަށް އެހެން ޤައުމުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތްކުރަމުން ގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ފޯނުން ގުޅުއްވާ ކޮމަންވެލްތްގެ 54 ވަނަ މެންބަރު ގައުމުގެ ގޮތުގައި އެ ޖަމާއަތާ ރާއްޖެ ރަސްމީކޮށް ގުޅިފައިވާކަން ހާމަކުރައްވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ރައީސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރުކަން ލިބުމަކީ ޤައުމަށް ލިބޭ ވަރަށް ބޮޑު ފަޚުރެއްކަމުގައެވެ. އަދި ރާއްޖެއިން ކޮމެލްވެލްތާ އަލުން ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ކޮމަލްވެލްތުގެ ސެކެޓްރިއޭޓްގައި ރަސްމީގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު މި މަހުގެ 6 ވަނަ ދުވަހު ބޭއްވެވުމާއި ކޮމަންވެލްތު ޤައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކުގައި ވެސް މި މުނާޞަބާއާ ގުޅިގެން ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުމަކީ މި ސަރުކާރުން ރާއްޖޭގެ ވެރިކަމަށް އައުމުގައި ރައްޔިތުންނަށް ވެފައިވާ މުހިންމު ވަޢުދެއްކަން ފާހަގަކުރައްވައި ސަރުކާރު ދެމި މިއޮތީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައިކަން ފާހަގަކުރައްވާފައިވެއެވެ.

ކޮމަމްވެލްތުގެ ޢާއިލާއަކީ މިނިވަން 50 ޤައުމެއްގެ މައްޗަށް އެކުލެވޭ މުއްސަނދި ޘަޤާފަތްތަކާއި ތަރިކަތަކެއް ހިމެނޭ އަދި އިޤްތިޞާދީ ކުރިއެރުންތައްވެސް ތަފާތު ދާއިރާތަކުން ތަފާތު މިންވަރަށް ހޯދާފައިވާ ޤައުމުތަކެއް ހިމެނޭ ޢާއިލާއެއް ކަމަށާއި މި ޢާއިލާއިން ޤަބޫލުކުރާ ހަމަތަކަކީ މިހުރިހާކަމެއް އެކުލެވޭ ހަރާރޭ ޑެކްލަރޭޝަނުގައި ހިމެނޭ ހަމަތައްކަން އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ޑިމޮކްރަސީއާ އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި ސިޔާސީ،އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުންނާއި ފަރުދީގޮތުން ހަރަކާތްތެރިވުމުގެ މިނިވަންކަން އޮތުން މި ހަމަތަކުގެ ތެރޭގައި ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސް ވިދާޅުވި ކޮމަންވެލްތުން ފަހިކޮށްދޭ ތަޢުލީމުގެ ފުރުޞަތުތަކާއި ކުޅިވަރުގެ ދާއިރާއިން ފަހިކޮށްދޭ ފުރުޞަތުތަކަކީ ރާއްޖޭގެ ރައްޔިތުންނަށް ނުހަނު މުހިންމު އަދި ބައިނަލްއަޤްވާމީ މައިދާނުން ލިބޭ ފުޅާ ފުރުޞަތުތަކެއް ކަމަށާއި އެގޮތުން ޔޫތު ޕްރޮގްރާމުފަދަ ޕްރޮގްރާމްތަކަކީ 21 ވަނަ ޤަރުނުގެ ހުނަރުތައް ޒުވާނުންނަށް ލިބިދިނުމުގައި މުހިންމު އަދި ޤައުމުގެ ފަރުދުންނަށް ސީދާގޮތުން ފައިދާ ލިބެމުން އަންނަ ޕްރޮގްރާމްތަކެއް ކަމަށެވެ.

ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުން ފާހަގަކުރުމުގެ ގޮތުން މި ހަފްތާގައި ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން ސްކޫލުތަކުގައި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގައި އަލަށް ހުޅުވުނު އިނގިރޭސި ހައިކޮމިޝަނާއެކު ކޮމަންވެލްތާ ރާއްޖެއާ އޮންނަ ސިޔާސީގުޅުން އިތުރަށް ބަދަހިވުމަށް ވަނީ ދޮރުހުޅުވިފައެވެ.

ރާއްޖެއިން ކޮމަންވެލާ އަލުން ގުޅުމުގެ މި މުނާޞަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ބަޔާނުގައި މިކަން ހަޤީގަތަށް ހެއްދެވުމުގައި އިސްކޮށް މަސައްކަތްކުރެއްވި ޚާރިޖިއްޔާގެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ޚާއްޞަކޮތެއްގައި ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުމުގެ ފުރުޞަތު ފަހިކޮށްދެއްވުގައި ކޮމަންވެލްތުގެ ސެކްރެޓޭރިއޭޓުން ކަންކަން ހަމަޖައްސަވައިދެއްވި އަވަސްކަން ފާހަގަކުރައްވައި ކޮމަންވެލްތުގެ ސެކްރެޓޭރިއޭޓަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!