ޚަބަރު

ބެންކޮކް އެކްސިޑެންޓުގައި އަނިޔާވެ ދިވެހި މީހާގެ ހާލު އަދިވެސް ސީރިއަސް

ދެން އެމްވީ ، ދެން އޮންލައިން

ތައިލެންޑުގެ ވެރި ރަށް، ބެންކޮކް ގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދިވެހި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އެގައުމުގައި ހުންނަ ދިވެހި އެމްބަސީން ބުނެފިއެވެ.

އިއްޔެ ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ ސ. ހުޅުދޫ އަހްމަދު ސައީދު އަށެވެ. އޭނާ އަށް ފަރުވާ ދެމުން ދަނީ ބެންކޮކްގެ ރަމަތިބޮޑި ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.

ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ޖިނާހު އާ ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައީދުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވުމާ ގުޅިގެން އިއްޔެ ވަނީ އޮޕަރޭޝަނެއްކޮށްފަ އެވެ. އަދި އޮޕަރޭޝަން ކާމިޔާބު ކަމަށާއި ސައީދުގެ ހާލަތު އިއްޔެ އަށް ވުރެ ސްޓޭބަލް ނަމަވެސް އަދި ވެސް ސީރިއަސް ކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސައީދު ހޭނޭރި ނަމަވެސް މިހާރު ތަދަށް ރެސްޕޯންޑް ކުރަން ވަނީ ފަށާފައެވެ. ނަމަވެސް އެމްއާރު އައި ހެދި އިރު ކަނދުރާގައި ފްރެކްޗަރ އެއް އިނުމުން އިތުރު ސާޖަރީއެއް ހެދުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށާއި އިތުރު އޮޕަރޭޝަނެއް ކުރެވޭ ވަރަށް އޭނާގެ ހާލު އަދިވެސް ސްޓޭބަލް ނުވާ ކަމަށް ޖިނާހު ވިދާޅުވެފައިވެއެވެ.

އެކްސިޑެންޓު ވީއިރު ސައީދު އާއެކު ކާރުގައި އޭނާގެ ބޭބެ އާއި އިތުރު ދިވެއްސަކު އިނެވެ. އެ ދެމީހުންނަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އެކްސިޑެންޓުވީ އެމީހުން އެއާޕޯޓުން، ހޮޓަލަށް ދިޔަ މަގުމަތީގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ ޑްރައިވަރަށް ނިދިޖެހުމުގެ ސަބަބުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!