ލުއި ޚަބަރު

ދުނިޔޭގެ އެންމެ ދިގު އަސް، އުމުރުން 20 އަހަރުގައި މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ ދިގު އަސް "ބިގް ޖޭކް"، އުމުރުން 20 އަހަރުގައި މަރުވެއްޖެއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ބިގް ޖޭކް މަރުވީ ވިސްކޮންސިން ފާމުގައި މީގެ ދެ ހަފްތާ ކުރިންނެވެ، މަރުވި އިރު އެ އަހުގެ ދިގުމިނަކީ ހަ ފޫޓު 10 އިންޗިއެވެ. އަދި ބަރުދަނުގައި 2500 ޕައުންޑް (1144،9 ކިލޯ) ހުއްޓެވެ.

ބިގް ޖޭކްއަކީ ދުނިޔޭގެ އެންމެ ދިގު އަސް ކަމުގައި 2010 ވަނަ އަހަރު "ޖިނަސް ބުކް އޮފް ވޯލްޑް ރިކޯޑް" އިން ވެސް ވަނީ ކަނޑައަޅައިފައެވެ.

އެންމެ ދިގު އަސް މަރުވި ދުވަހާއި މަރުވި ގޮތް ކިޔައިދޭން، އެ އަސް ގެންގުުނު މީހުން ވަނީ އިންކާރު ކޮށްފައެވެ.

ބިގް ޖޭކްއާ ބެހޭ ގޮތުން އެމީހުން ހަމައެކަނި ބުނެފައި ވަނީ އެ އަސް އުފަންވީ ނެބްރާސްކާގައި ކަމަށާއި ދުނިޔެއަށް އުފަންވީ އިރު އޭގެ ބަރުދަނަކީ 240 ޕައުންޑު (108.8 ކިލޯ) ކަމަށެވެ. އާދައިގެ އަހަކަށް ވުރެ ބިގް ޖޭކް އޭރު ވެސް ބަރު ކަމަށާއި އެހެން ކަމުން އެއީ ވަރަށް ޚާއްސަ އަހެއްކަމަށް އޭތި ގެންގުުޅުނު މީހުން ބުނެފައިވެއެވެ.

ބިގް ޖޭކް ގެންގުޅުނު އެކަކު ކަމަށްވާ ޖެރީ ގިލްބާޓް ބުނީ އޭނާއާއި ޖޭކްގެ ގުޅުން ވަރަށް ގާތް ކަމަށާއި، ޖޭކް މިހާރު ނެތުމުން އެ ފާމް ވަރަށް ފަޅު ކަމަށެވެ. އަދި އެ ފާމުގެ ތެރޭގައި ޖޭކް ބަހައްޓާފައި ހުރި ގޮޅިއަށް އެހެން އަހެއް ނުލާނެ ކަމަށް ވެސް ގިލްބާޓް ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!