ޚަބަރު

ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާ: އިންކުއަރީގެ ފައިނަލް ރިޕޯޓު އާންމުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓް އާންމުކޮށްފިއެވެ.

Ads by Sosun Fihaara

އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ އިންކުއަރީއެއް ހަދަން ނިންމީ މެއި 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއަކީ ސީދާ ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއަކަށް ވެފައި، އެ ނުރައްކާތެރި ހަމަލާގައި ރައީސް ނަޝީދަށް އެކިވަރުގެ އަނިޔާ ލިބިފައިވުމުން، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާ އޮތްކަމަށް ޤަބޫލު ކުރެވުން ކަމަށެވެ. މީގެ އިތުރުން މިފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ދިވެހި ރާއްޖޭގައި އިތުރު ވެދާނެ ކަމުގެ ފުރުސަތު އޮތްކަމަށް ޤަބޫލު ވެސް ކުރައްވާ ކަމަށް ރިޕޯޓުގައި ވެއެވެ.

މީގެއިތުރުން ރައީސް ނަޝީދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެ މަނިކުފާނަކީ މިހާރު ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވުން އެއީ އިންކުއަރީއެއް ހަދަން ނިންމި އެއް ސަބަބު ކަމުގައި ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

މިފަދަ އިންކުއަރީއެއް ހެދުމަށް ލިބިދޭ ޤާނޫނީ ބާރުގެ ތެރޭގައި ޖަވާބުދާރީވުމުގެ ބާރު ހިމެނެއެވެ. އޭގެ ތެރޭގައި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުތައް ކަނޑައަޅާފައިވާއިރު، ޤާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުމުގެ ބާރު ވެސް ލިބިދޭކަން ފާހަގަ ކުރައްވައިފައިވެއެވެ.

މީގެ އިތުރުން އެ ކޮމިޓީއަށް ލިބިދޭ ބާރުގެ ތެރޭގައި މީހުން ހާޒިރުކޮށްގެން ސުވާލުކުރުމުގެ ބާރު ވެސް ހިމެނެއެވެ. އަދި ޤާނޫނީ ވަކީލެއްގެ ޙައްޤު ދިނުމާއި މި އިންކުއަރީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ދޭން ޖެހޭނީ ތެދު މައުލޫމާތުކަން ވެސް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.

އިންކުއަރީ ރިޕޯޓު މިއަދު އާންމުކޮށްފައިވީ ނަމަވެސް، މިއީ ސިއްރު ރިޕޯޓެއް ކަމާއި މިއަދު އާންމުކޮށްފައި މިވަނީ ރިޕޯޓުގައިވާ ޤައުމީ ސަލާމަތާއި ގުޅުންހުރި ބައިތައް އުނި ކުރުމަށް ފަހު އާންމުކޮށްފައިވާ ރިޕޯޓެއްކަން ވެސް ފާހަގަ ކޮށްފައިވެއެވެ. އަދި މި ރިޕޯޓުގެ އަސްލު ރިޕޯޓު (ސިއްރު ކޮށްފައި ނުވާ ރިޕޯޓު) ހިއްސާ ކުރުމަށް ނިންމައިފައި ވާނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށާއި އުއްތަމަ ފަނޑިޔާރަށްކަން ވެސް މިއަދު އާންމުކުރި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މިއަދު އާންމުކޮށްފައިވާ ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައި ވަނީ، ރައީސް ނަޝީދަކީ ހައްދުފަހަނަ އެޅުމާއި ހަރުކަށިފިކުރާ ދެކޮޅަށް ފާޅުގައި ބަސް ވިދާޅުވެ، އެ ފިކުރާ ދެކޮޅަށް ކެނޑިނޭޅި ބަސް ވިދާޅުވި ބޭފުޅެއް ކަމަށެވެ.

މިކަންކަމުގެ ސަބަބުން ރައީސް ނަޝީދަށް ދެކޮޅުވެރިވި ބަޔަކު ތިބިކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމާއި އެ ދެކޮޅުވެރިކަމުގެ ތެރެއިން ރައީސް ނަޝީދަށް އަމާޒުކޮށް ތަފާތު އިންޒާރުތައް ފާޅުކަން ބޮޑު ގޮތެއްގައި މީސްމީޑިއާއާއި އެހެނިހެން މަންސަތަކުގައި ވެސް ދީފައިވާކަން ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އާންމުކުރި އިންކުއަރީގެ ފައިނަލް ރިޕޯޓު މިހާރު މަޖިލިސް ވެބްސައިޓްގައި ވެސް ވަނީ އާންމުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!