ޚަބަރު

"އިންސްޓިޓިއުޝަން ބިލްޑިން" ގެ ޝަރަފުވެރި އެވޯޑް ސްޓެލްކޯއަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ސްޓެލްކޯ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގ" ގެ ޝަރަފުވެރި އެވޯޑް ސްޓެލްކޯއަށް ލިބިއްޖެއެވެ.

Ads by MWSC

މި އެވޯޑަކީ 72 އަހަރުގެ ހިދުމަތުގެ ރެކޯޑް އޮތް އެ ކުންފުނި ކުރިއަރައި ގޮސްފައިވާ ގޮތާއި، ކުންފުނިން ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތަކާއި، ހޯދަމުންދާ ކުރިއެރުންތަކަށް ބިނާކޮށް ދީފައިވާ އެވޯޑެކެވެ.

އެގޮތުން މާލޭގެ އާބާދީއާއި، އުމްރާނީ ތަރައްގީއާއި އެއްކޮށް އަންނަމުންދާ ހިފެހެއްޓުމެއްނެތް ކަރަންޓުގެ ޑިމާންޑަށް ޚިދުމަތް ކުރުމަށް ސްޓެލްކޯއިން ނަމޫނާ ދައްކައިފައިވާތީއާއި، ޖާގައިގެ ދަތިކަމާއެކު ވެސް، ސްޓެލްކޯއަށް ލިބިފައިވާ ބިމުގެ އެކި ދިމަދިމާލުގައި ޖަނަރޭޓަރު ބަހައްޓައިގެން އެ އަރަމުން ދިޔަ ޑިމާންޑަށް ޚިދުމަތް ކުރުމަށް ކޮށްފައިވާ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މީހުން ބިނާ ކުރުމުގެ ރޮނގުން ސްޓެލްކޯއިން ކުރަމުންދާ ފުރިހަމަ މަސައްކަތްތަކާއި، ކޮވިޑްގެ ހާލަތުގައި ވަޒީފާގެއްލިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދުވަހު މުސާރައަށް މިނިވަން މަސައްކަތްތެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވައިލުމާއި، ޕެރޯލްގައި ތިބި ބައެއް ފަރާތްތައް ރަނގަޅުގޮތުގައި އަނބުރާ މުޖުތަމައުއަށް ނިކުތުމަށް އެހީތެރިވުމަށް އެފަރާތްތަކަށް ސްޓެލްކޯގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ކުންފުނީގައި އަދާކުރެވިދާނެ ފަދަ ވަޒީފާތައް އެފަދަ ފަރާތްތަކަށް ތަނަވަސްކޮށްދިނުމުގެ އިތުރުން، ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ދިވެހިންނަށްވުން ހިމެނެއެވެ.

ސާދަ ކިލޯވޮޓްގެ ޖަނަރޭޓަރަކުން ފަށައި، 200 މެގަވޮޓާއި ގާތްކުރާ އަދަދެއްގެ ކޮމްބައިންޑް ކެޕޭސިޓީއެއް ސްޓެލްކޯއިން ވަނީ ގާއިމްކޮށްފައެވެ. އަދި ކުންފުންޏަށް އިތުރު އާމްދަނީ ހޯދުމުގެ ގޮތުން، އިސްތިހާރު ކުރުމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ސްކްރީން (ސްޓެލްކޯ މާޓީވީ) ބެހެއްޓުމާއި، ސްޓެލްކޯ ސޭލްސް ސެންޓަރުގެ ހިދުމަތާއި، ސޯލާ ޕެނަލް ވިއްކުމަށް ހުޅުވައިފައިވާ ސްޓެލްކޯ ގްރީންލައިފް ސޯލާ ސެންޓަރާއި، ސްޓެލްކޯ ގްރީންލައިފް ބަސް ސްޓޮޕާއި، ސްޓެލްކޯ ފްލޯޓިންގ ސޯލާ ޕޮޑްގެ އިތުރުން، ކަސްޓަމަރުންނަށް އެންމެ ހެޔޮއަގުގައި ބޯފެން ފޯރުކޮށްދިނުމަށް "ސްޓެލްކޯފެން" ބާޒާރަށް ނެރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތުގައި ކުންފުނީގެ ހިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ދެވުމާއި، މުވައްޒަފުންގެ ރައްކާތެރިކަމާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް މިކުންފުނިން ކޮށްފައިވާ މަސައްކަތްތަކާއި، މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް ބައިނަލް އަގުވާމީ މިންގަނޑެއް ކަމުގައިވާ އައި.އެސް.އޯ 9001:2015 އަށް ސެޓިފައި ކުރުމާއި، ސްމާޓްމީޓަރާއި، ސްމާޓް ގްރިޑް ފަދަ ކުރިއަރައިފައިވާ ޓެކްނޮލޮޖީތައް މިކުންފުނިން ބޭނުންކުރަން ކުރަމުންދާ މަސައްކަތްތައް މީގެ ތެރޭގައި ހިމެނެއެވެ.

ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގ" ގެ އެވޯޑް ސްޓެލްކޯއަށް ލިބިފައިވާއިރު، މި ކުންފުންޏަށް 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑާއި، ސީއެމްޑީއިން ދޭ ކޯޕަރޭޓް ގަވަރނެންސް އެންމެ ރަނގަޅު ކުންފުންޏަށްދޭ "ސީޖީ އެފޯޓްސް އެވޯޑް" އާއި، އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑާއި، ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑް ވެސް ވަނީ ލިބިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!