މުޅި އާބާދީއަށް ޖެހޭ ވަރަށް ވެކްސިން ލިބުނު މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ
ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް މާދަމާ ފަށަން ހަމަޖެހިފައިވާއިރު މިއީ ދުނިޔޭގެ މަދު ޤައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް، ވަރަށް މަތިވެރި ނަސީބެކެެވެ.
ކޮވިޑް-19އާ އެކު މިކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާއާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުއަޅައި، މި ބަލިމަޑުކަމުން ރައްކާތެރިވެ އާންމު ހާލަތަށް ދިއުމަށްޓަކައި ލިބިފައިވާ އެންމެ މުހިއްމު ހަތިޔާރަކީ ވެކްސިިނެވެ. ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް ވެކްސިން ވަނީ ގެނެވިފައެވެ.
ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން، ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް، މިފެށޭ އޮގަސްޓް މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުމެވެ. މިފުރުސަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭގައި ވެކްސިން ޖަހަން ޖެހޭ އާބާދީގެ 27 އިންސައްތަ އަދިވެސް ވެކްސިން ފުރިހަމަ ނުކުރާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ހޮނިހިރު ދުވަހު ވެކްސިން ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާއިރު ވެކްސިންޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް އިއްޔެ ވަނީ ހުޅުވާލާފައެވެ.
އެޕޮއިންމަންޓް ހެދުމަށް book.hpa.gov.mvއަށް ދިޔުމަށްފަހު މީހާއާ ބެހޭ މައުލޫމާތު ފުރިހަމަކޮށް ވެކްސިން ޖަހަން ބޭނުންވާ ދުވަހާއި ގަޑި އިހްތިޔާރު ކުރެވޭނެއެވެ. އަދި އެޕޮއިންމެންޓް ހަމަޖެހުމުން އެސް.އެމް.އެސްއެއް ލިބޭނެ ކަމަށާއި ވެކްސިން ވެކްސިން ސެންޓަރަށް އެ މެސެޖު ދައްކަން ޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ. ވެކްސިން ޖަހަންޖެހޭ އާބާދީގެ ބޮޑުބަޔަކަށް ދެމުން އައި ކޮވިޝީލްޑް ވެކްސިން ސްޓޮކް ހުސްވުމުގެ ސަބަބުން މޭއިމަހުގެ ތެރޭގައިވަނީ ވެކްސިން ޢާއްމުކޮށް ދިނުން ހުއްޓާލާފައެވެ. އެހެންނަމަވެސް ކޮވިޝީލްޑް ވެކްސިންގެ އިތުރު ޑޯޒްތައް ލިބުމާއެކު ވެކްސިން ޕްރޮގްރާމް މިމަހުގެ 6 ވަނަ ދުވަހު އަލުން ވަނީ ފަށައިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 263،067އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 321،594އަށް އަރައިފައެވެ.