ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާން އަދިވެސް ނުލިބޭ
މެއި ހަވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް އެ މަނިކުފާނުގެ ބަޔާން އަދިވެސް ނުލިބޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޙުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން ދައުވާ ކުރަން ފޮނުވައިފައިވާ ހަތަރު މީހުންނާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި މައްސަލައިގެ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާން ލިބިފައިވޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެ ބަޔާން އަދި ލިބިފައި ނުވާ ކަމަށެވެ.
"ރައީސް ނަޝީދުގެ ބަޔާނެއް އަދި ނުލިބޭ އަޅުގަނޑުމެންނަކަށް. އަޅުގަނޑު އުންމީދުކުރަނީ އެ ބަޔާން ލިބޭނެ ކަމަށް." ޕީޖީ ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ހަރަކާތްތެރިވި އަދުހަމް ރަޝީދު ވަނީ ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އިތުރު މީހުން އެ ފަދައިން ކަންތައް ކުރަން ޝައުޤުވެރިކަން ނުބަހައްޓާތޯ ސުވާލު ކުރުމުން ޕީޖީ ވިދާޅުވީ، މި މައްސަލައިގައި އިތުރު މީހުން ވެސް އިއުތިރާފުގެ އެއްބަސްވުމަކަށް ދާން ޝައުޤުވެރިކަން ފާޅު ކޮށްފައި އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން އެ މަޝްވަރާތައް އެބަ ކުރިއަށް ގެންދަން. އަޅުގަނޑުމެން މި ވާހަކަތައް ދައްކަނީ އަޅުގަނޑު ވެސް އިނގެދެން، އަދި ތުހުމަތު ކުރެވޭ ފަރާތުގެ ވަކީލު ވެސް އިނދެގެން އެއްވެސް، ހާމަކަން ބޮޑު ގޮތެއްގައި" ޕީޖީ ވިދާޅުވިއެވެ.
އެހެންކަމުން ސަރުކާރާއެކު އެއްބަސްވުމަކާ ހަމައަށް އައުމުގެ ފުރުސަތު އޭގެން ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.