ޚަބަރު

މާލެ ސަރަޙައްދުގައި އެޕޮއިންޓްމަންޓް ނުހަދާ ވެކްސިން ޖެހޭ ގޮތް ހަދައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެކްސިން ޖެހުމުގެ ކުރިން މަޢުލޫމާތު އެއްކުރަނީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

މާލޭގައި އެސްޓްރާޒެނެކާ ވެކްސިން ޖަހާ ސެންޓަރުތަކުން އެޕޮއިންޓްމަންޓާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސަވައިފިއެވެ.

Ads by MWSC

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މާލޭ ސަރަޙައްދުގައި ވެކްސިންދޭ ސެންޓަރުތަކުގެ ތެރެއިން، އެސްޓްރާޒެނެކާ ވެކްސިން ދޭ ސެންޓަރުތަކުން، އެޕޮއިންޓްމަންޓް ނެގުމާ ނުލައި ވެސް މިހާރު ވެކްސިން ޖެހޭނެ ކަމަށެވެ. އަދި އެޕޮއިންޓްމަންޓާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖެއްސި ނަމަވެސް، އެޕޮއިންޓްމަންޓް ހައްދައިގެން ވެކްސިން ޖަހަން އަންނަ މީހުންނަށް އިސްކަންދޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެފައި ވެއެވެ.

މާލެ ސަރަޙައްދުގައި އެސްޓްރާޒެނެކާ ވެކްސިން ޖަހައިދޭ ސެންޓަރުތަކަކީ ސޯޝަލް ސެންޓަރ، އިސްލާމިކް ސެންޓަރ، އަރޓް ގެލަރީ އަދި ވިލިމާލެ ހޮސްޕިޓަލްގެ ވެކްސިނޭޝަން ސެންޓަރެވެ.

މިވަގުތު ރާއްޖޭގައި ދެމުންދަނީ އެސްޓްރާޒެނެކާއާ ސިނޯފަރމް ވެކްސިންއެވެ. އޭގެ އިތުރުން އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް ހުސްވުމާ އެކު، އެ ވެކްސިން އާންމުކޮށް މިހާރު ޖެހުން ވަނީ މެދުކަނޑައިލައިފައެވެ. ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް، ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރާ ޒެނެކާ ވެކްސިން ޖެހޭނެއެވެ.

ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 284،328އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 330،504އަށް އަރައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!