ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހޫނުފެނަށް ވެއްޓިއްޖެ
ޓޫރިސްޓް ރިސޯޓުތަކުގެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާ ގުޅޭގޮތުން ދެއްކެވި ވާހަކައަކާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހޫނުފެނަށް ވެއްޓިއްޖެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ ސާވިސް ޗާޖުގެ ގޮތުގައި މިހާރު ދޭ އަދަދަކީ ރަނގަޅު އަދަދެއް ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ސާވިސްޖާޗް ރޭޓް ކުރާކަށް ސަރުކާރުން ނިންމާފައިނުވާ ކަމަށާއި ރާއްޖޭގެ ކީ ވިޔަފާރި ކުންފުނިތައް، އިންޑަސްޓްރީގައި އިންވެސްޓު ކޮށްފައި ތިބި ރާއްޖޭގެ ކުންފުނިތަކަށް ބަލާއިރުވެސް ބޭރުގެ ވިޔަފާރިތަކުންވެސް ސާވިސްޗާޖު ދޭ މިންވަރާއި ދިވެހި ކުންފުނިތަކުން ހިފަހައްޓާ މިންވަރު ރަނގަޅު ކަމަށެވެ.
މިނިސްޓަރުގެ އެ ވާހަކައާ ގުޅިގެން މީސް މީޑިއާގައި އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ރިސޯޓު ދާއިރާގައި މަސައްކަތް ކުރާ މީހަކު ބުނެފައި ވަނީ ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަނީ ރިސޯޓް އޯނަރުންގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ކަމަށެވެ.
މި ސަރުކާރުން ކެމްޕެއިންގެ ތެރޭގައި އެންމެ ހަރުއަޑުން ދެއްކި އެއް ވާހަކަ އަކީ ރިސޯޓް މުވައްޒަފުންނަށް އެކަށީގެންވާ ސާވިސް ޗާޖު ނުލިބޭ ވާހަކަ ކަމަށާއި ނަމަވެސް ވެރިކަން ލިބުމަށްފަހު މިހާރު ފެންނަމުންދަނީ އެހެން މަންޒަރެއް ކަމަށް މީސް މީޑިއާގައި ބައެއް މީހުން ބުނެފައިވެއެވެ.
ފާޑުކިޔުންތައް އަމާޒުވުމުން މިނިސްޓަރު އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާވިސް ޗާޖާ ގުޅޭގޮތުން އޭނާ އިއްޔެ ދެއްކި ވާހަކައިގެ އަސްލު އޮޅޭގޮތަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.