ހެއިޓީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ހެއިޓީއަށް 7.2 މެގްނިޓިއުޓްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުމުގެ ސަބަބުން އެގައުމުގެ އެތައް އިމާރާތެއް ބިމާ ހަމަވެފައިވާއިރު ގިނަ ބަޔަކު މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެެވެ. މަރުވި މީހުންގެ ސީދާ އަދަދެއް އަދި ބުނަން ނޭނގޭކަމަށް އޮފިސަލުން ވަނީ ބުނެފައެވެ.
މިބިންހެލުން އައިސްފައި ވަނީ އެގައުމުުގެ ހުޅަނގުގެ ސެއިންޓް ލޮއިސް ޑު ސުދުގެ ސަރަހައްދުން 12 ކިލޯމީޓަރު ބޭރުން ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށެެވެ.
"ގިނަ އަަދަދެއްގެ މީހުން މަރުވެއްޖެ ޔަގީނުން ވެސް. އެކަމަކު ސީދާ އަދަދެއް ދަންނަވާކަށް އަދި ނޭނގޭ މަސައްކަތް ކުރަމުން މިދަނީ މައުލޫމާތު ހޯދަން" ހެއިޓީގެ ސިވިލް ޕްރޮޓެކްޝަންގެ ޑައިރެކްޓަރ ޖެރީ ޗާންދްލާ އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ޗާންދްލާ ވިދާޅުވި ގޮތުގައި ބިންހެލުމާ އެކު ހެއިޓީގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ވަނީ އެކްޓިވޭޓް ކޮށްފައެވެ. އަދި އެގައުމުގެ ޕްރައިމް މިނިސްޓަރ އޭރިއަލް ހެންރީ މިހާރު ހުންނެވީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައެވެ.
ބިންހެލުމާ އެކު އުފެދުނު ރާޅު ބާނިތައް 3 ފޫޓަށް އުފުލުމުުގެ ސަބަބުން ހެއިޓީގެ އައްސޭރި ސަރަހައްދަށް ވަނީ ސުނާމީގެ އިންޒާރު ވެސް ނެރެފައެވެ. އެހެން ނަމަވެސް މިހާރު ވަނީ މި އިންޒާރު ނަގައިފައެވެ.
ހެއިޓީއަށް މިއައި ބާރުގަދަ ބިންހެލުމުގެ އަސަރު ވަނީ އަވައްޓެރި ކެރީބިއަންގެ ގައުމުތަކަށް ވެސް ކުޑަކޮށް ކޮށްފައިކަމަށް ރިޕޯޓްތައް ބުނެއެވެ. ބިންހެލުމާ އެކު ލިބުނު ސިހުމުގެ ސަބަބުން ހެއިޓީގެ ރައްޔިތުން ވަނީ މަގުތައް މައްޗަށް ނުކުމެފައެވެ.
ހެއިޓީއަށް މީގެ 11 އަހަރު ކުރިން އައި ބާރުގަދަ ބިންހެލުމުގައި ލިބުނު ގެއްލުންތަކުން އަދިވެސް އަރައިގަނެވިފައި ނުވާ އިރުގައި މި ބިންހެލުމުގެ ސަބަބުން ވެސް ގެއްލުންތައް ވަނީ އިތުރުވެފައެވެ.