އިޒްރާއީލުން ފަލަސްތީނުގެ 4 ޒުވާނުން ޝަހީދުކޮށްލައިފި
ފަލަސްތީނުގެ ޖެނިންގެ ރެފިއުޖީ ކޭމްޕްއެއް ކައިރީގައި އިޒްރާއީލުން ސިފައިން ހިންގި ހަމަނުޖެހުންތަކެއްގައި ފަލަސްތީނުގެ 4 މީހެއް ޝަހީދު ކޮށްލައިފިއެވެ.
އިޒްރާއީލުގެ ސިފައިން މިއަދު ޝަހީދު ކޮށްލި ހަތަރު މީހުންގެ ތެރެއިން އުމުރުން 19 އަހަރުގެ ސާލެހް މުހައްމަދު އައްމާރު އަދި އުމުރުން 21 އަހަރުގެ ރައެދް ޒިއާދް އަބޫ ސެއިފް ޝަހީދުކޮށްލައިފައި ވަނީ ބަޑި ޖެހުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާދޭން ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައިކަމަށް ރިޕޯޓްތައް ބުނެއެވެ.
ޝަހީދު ކޮށްލި އަނެއް ދެ ޒުވާނުން ކަމުގައިވާ ނޫރް ޖަރާރް އަދި އަމްޖަދް އިޔާދް އަޒްމީގެ ހަށިގަނޑު ގެންދިޔައީ އިޒްރާއީލްގެ ސިފައިންކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ފަލަސްތީނުގެ ރެފިއުޖީ ކޭމްޕް ކައިރީ އިޒްރާއީލު ސިފައިން ހިންގި ހަމަނުޖެހުމުގައި ހަތަރު މީހުން ޝަހީދު ވެފައިވާކަމަށް ޖެނިން ގެ ގަވަރުނަރު ވެސް ވަނީ ޔަގީން ކޮށްދެއްވައިފައެވެ. އަދި އިތުރު ދެމީހަކު ހައްޔަރުކޮށްގެން ގެންގޮސްފައިވާއިރު އޭގެ އެކަކު ހައްޔަރު ކުރުމުގެ ތެރޭގައި އަތަށް ބަޑި ވެސް ޖަހައިފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މަންޒަރު ދުށް ފަރާތްތަކުން މީޑިޔާތަކަށް މައުލޫމާތު ދިން ގޮތުގައި އިޒްރާއިލުން ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ޒުވާނުންގެ ގުރޫޕެއްގެ ތެރެއަށް ބަޑި ޖަހައިފައި ވެއެވެ. އަދި ސްޓަން ގްރޭނައިޑްއާއި ކަރުނަ ގޭސް ގިނަ އަދަދަކަށް ޖަހައިފައިވާކަމަށް ވެސް އެ ފަރާތްތަކުން ވަނީ މީޑިޔާގައި ބުނެފައެވެ.
މި ހަމަނުޖެހުންތަކާ ގުޅެގޮތުން އިޒްރާއީލް ބުނެފައި ވަނީ ހަމަލާ ދީފައި ވަނީ އިޒްރާއިލްގެ ސިފައިންނަށް ފަލަސްތީނުގެ ޒުވާނުން ހަމަލާ ދިނުމުން ކަމަށެވެ. އެހެން ނަމަވެސް އިޒްރާއީލުގެ އެއްވެސް އޮފިސަރަކަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިފައިނުވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.