ސިޔާސީ ހަރަކާތް ހިންގަން ޕީޕީއެމް އަށް ރެހެނދި ސްކޫލު ދުލެއް ނުކުރި
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަން ސްކޫލްތައް ދޫކުރި އުސޫލުން އިދިކޮޅު ޕީޕީއެމަށް އެ ތަންތަން ދޫކުރަން ދެކޮޅު ހެދުމުން އެ ޕާޓީން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ޕީޕީއެމުން ހިތްހަމަނުޖެހުން ފާޅުކުރީ، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުންނާ އެކު ހުޅުމާލޭގެ ރެހެންދި ސްކޫލްގައި މާދަމާ ރޭ ބާއްވާ ބައްދަލުވުމަށް އެ ތަން ދޫކޮށްދިނުމަށް އެދުމުން އެކަމާ އެ ސްކޫލުން ދެކޮޅު ހެދުމުންނެވެ.
ރެހެނދި ސްކޫލުގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ ސޮއި ކުރައްވައި ޕީޕީއެމަށް ފޮނުވި ސިޓީގައި ވިދާޅުވީ ސިޔާސީ ހަރަކާތްތައް ހިންގަން ސްކޫލްގެ ތަންތަނާއި ތަކެތި ދޫނުކުރަން އެޑިއުކޭޝަން މިނިސްޓްރީން ލަފާ ދީފައިވާ ކަމަށެވެ. އެހެންވެ، ސިޔާސީ ޕާޓީގެ ހަރަކާތަކަށް ސްކޫލް ދޫކުރުމަކީ ރެހެންދި ސްކޫލްގެ މެނޭޖްމެންޓަށް ކުރެވޭނެ ކަމެއް ނޫން ކަން ވަނީ އެ ޕާޓީ އަށް އަންގައިފަ އެވެ.
މިކަމާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވަނީ ޕީޕީއެމަށް ވުމުން ސިޔާސީ ހަރަކާތް ހިންގަން ސްކޫލް ނުދޭއިރު، އެމްޑީޕީ އަށް އެ ފުރުސަތު ފަހިކޮށްދިނީ ކޮން އުސޫލަކުންތޯ ސުވާލު އުފައްދާފައެވެ.
"އެމްޑީޕީގެ ޔޫތު ކޮންގްރެސް ބާއްވަން ހުޅުމާލޭގެ ހުރަވީ ސްކޫލް ދެއްވީ ކޮން އުސޫލަކުންތޯ؟ އެމްޑީޕީގެ އެޖެންޑާ 19 ބާއްވަން ހުޅުމާލޭ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ދެއްވީ ކޮން އުސޫލަކުންތޯ؟" އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ޓެގު ކުރައްވައި ޝުޖާއު އެއްސެވި އެވެ.