ދުނިޔެ

ޖަލުގައި އަމިއްލައަށް މަރުވާ މަސައްކަތް ކުރި ބޮލީވިއާގެ ކުރީގެ ރައީސާގެ ހާލުކޮޅު ރަނގަޅު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރައީސާ ޖެނީން އާނެޒް

ބޮލީވިޔާގައި 2019ވަނަ އަހަރު މުޒާހަރާ ކުރި ގިނަ އަދަދެއްގެ މީހުން ގަޔަށް ބަޑި ޖަހައި މަރައިލުމުގެ ކުށުގައި ޖަލަށް ލައިފައިވާ އެގައުމުގެ ކުރީގެ ރައީސާ ޖެނީން އާނެޒް ޖަލުގައި ހުންނަވަައި އަމިއްލައަށް މަރުވާން ކުރި މަސައްކަތް "ފެއިލް"ވެ އޭނާގެ ހާލު މިހާރު ރަނގަޅުކަމަށް އެގައުމުގެ އޮފިޝަލުން ބުނެފިއެވެ.

Ads by WAMCO

"އަހަރުމެންނަށް މިހާރު ޔަގީން ކަމާއެކު ބުނެވޭނެ އެކަމަނާގެ ހާލުކޮޅު ރަނގަޅުކަމަށް" ބޮލީވިޔާގެ ޖަލުގެ ޑިރެކްޓަރ ޖުއާން ކާރލޮސް މީޑިޔާތަކުގައި ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިވަގުތު އެކަމަނާ ހުންނެވީ އާއިލާގެ ގާތުގައި ކަމަށާއި އެކަމަނާ އާއިލާ ގާތަށް ބަދަލުކުރީ ހާލަތު ރަނގަޅު ވަންދެންކަމަށް ވެސް އޮފިޝަލުން ބުނެއެވެ. އަދި އެކަމަނާ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައި ވަނީ ގިނަ ދުވަސްތަކެއް ވާންދެން ޖަލުގައި އިންނަވަން ޖެހިވަޑައިގެންނެވުމުން ކުރިމަތިވި ޑިޕްރެޝަންގެ ސަބަބުންކަމަށް އެކަމަނާގެ ދަރިކަނބަލުން ކެރޮލީނާ ރިބެރާ ވަނީ ވިދާޅުވެފައެވެ.

އުމުރުން 54 އަހަރު އާނެޒްގެ މައްޗަށް އުފުލައިފައިވާ ދައުވާތަކަށް އޭނާ ވަނީ އިންކާރު ކުރައްވައި އެކަމަނާއަކީ ސިޔާސީ ދައުވާއެއްގެ ޝިކާރައަކަށްވެފައިވާ ފަރާތެއްކަމުގައި ވިދާޅުވެފައެވެ.

މިދިޔަ ހުކުރު ދުވަހު އެގައުމުގެ އެޓާނީ ޖެނެރަލް ވަނީ އާނެޒް ގެ މައްޗަށް "ގަތުލްއާއްމު" ހިންގުމުގެ ކުށުގެ ދައުވާކޮށްފައިވާކަމަށް ވިދާޅުވެފައެވެ. މިގޮތުން ދެ ފަހަރެއްގެ މަތިން ޖުމްލަ 22 މީހަކު މަރައިލައިފައިވާ ކަމުގެ ތުހުމަތު ވަނީ އެކަމަނާގެ މައްޗަށްކޮށްފައެވެ. އެހުރިހާ ދައުވާތަކަކަށް އެކަމަނާ ވަނީ އިންކާރު ކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!