ފިޔަވަތީގައި ކުދިންތަކަކަށް އަނިޔާކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ހުޅުމާލޭ ފިޔަވަތީގައި އުޅޭ ކުދިންތަކަކަށް އަނިޔާކުރާ ކަމަށް ބުނެ ރޭ އެތަނުގައި ކުދިންތަކެއް އަޑުގަދަކުރި ނަމަވެސް އެތަނުގައި ކުއްޖަކަށް އަނިޔާކޮށްފައި ނުވާ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން މިއަދު ބުނެފިއެވެ.
އެކަމާ ގުޅިގެން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ ފިޔަވަތީގައި ރޭގެ ވަގުތެއްގައި ހިނގި ހާދިސާ ވަނީ އެ ސަރވިސްގެ ސަމާލުކަމަށް އައިސްފައި ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ އެކުދިންގެ ދިރިއުޅުމުގެ މަރުހަލާތަކުގައި އެކި ބާވަތުގެ އަނިޔާ ލިބުމުގެ ސަބަބުން އެ ކަންކަމުގެ އަސަރު އެކުދިންގެ މުޅިދިރިއުޅުމަށް ދެމިގެންދާ ފަދަ ކަންކަން ތަހައްމަލުކުރަމުންދާ ކުދިން ކަމަށާއި އެހެން ކުދިންނެކޭ ވެސް އެއްފަދައިން މި ކަންކަމަކީ މި ކުދިންގެ ނަފްސާނީ ސިއްޙަތާ ގުޅިފައިވާ ކަންކަމަށްވީ ހިނދު، އެކުދިންގެ އިހުސާސްތައް އެކި ގޮތްގޮތަށް ބުނެދިނުމަށް މަސައްކަތްކުރާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ހިނގާ ދިޔަ ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެ ސަރވިސްއިންއިން ވަގުތުން އެޓެންޑް ކުރަން ފަށައިފައިވާ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ. “އެ ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައި ނުވާކަން ކަށަވަރުކޮށްދެން” ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ވިދާޅުވިއެވެ.
މީގެ އިތުުރުން އެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެ ސަރވިސްގެ އަމާޒަކީ ރައްކާތެރިކަން ބޭނުންވެފައިވާ އެންމެހައި ކުދިންނަށް އެފަދަ މާހައުލެއް ޤާއިމްކޮށްދިނުން ކަމަށާއި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަކީ މުޅި މުޖްތަމަޢުގެ ޒިންމާއެއްކަމަށް ވީ ހިނދު، މިދަނޑިވަޅުގައި ކުދިންގެ ކަރާމާތާއި ރައްކާތެރިކަމަށް އުނިކަން އަންނާނެފަދަ ކަންކަމުން ދުރުވުމަށް އިލްތިމާސްކުރާ ކަމަށެވެ.