ޚަބަރު

ޕީޕީއެމް ޕްރައިމަރީ އަކީ ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ސިޔާސީ ހަރަކާތް: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ނެރޭނެ ކެންޑިޑޭޓުން ހޮވުމަށް ޕީޕީއެމުން ބޭއްވި ޕްރައިމަރީ އަކީ ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ސިޔާސީ ހަރަކާތް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕްރައިމަރީއަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ސިޔާސީ ޕާޓީއަކުން އިންތިޒާމް ކޮށްގެން ބޭއްވި އެންމެ ކާމިޔާބު ހަރަކާތަށް ޕީޕީއެމްގެ ޕްރައިމަރީ ވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން ބޭއްވި އެންމެ ކާމިޔާބު ޕްރައިމަރީއޭ އިއްޔެ ނިމިގެން މިދިޔައީ. އެއާއެކު މި ބޭއްވުނީ އެންމެ ބޮޑު ހަރަކާތޭ. ސިޔާސީ އެންމެ ބޮޑު ހަރަކާތް ވާދަވެރި ފަރާތްތަކަށް ފެނިގެންދާނެ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޑިމޮކްރެޓިކް ޕާޓީއަކީ އިދިކޮޅު ޕީޕީއެމްކަން އެ ޕާޓީގެ މެމްބަރުން އިއްޔެ ދައްކުވާދީފައިވާ ކަމަށެވެ.

ސިޔާސީ ބޮޑެތި ހަރަކާތްތައް ހިނގަމުންދާއިރު ދާނީ ސުލްހަވެރިކަމާއެކު ކަމަށާއި އެގޮތުން ނަތީޖާއާއެކީގައި އެންމެ އެއް ޓީމަކަށް އަރާ އެއްގޮތަކަށް މަސައްކަތް ފައްޓާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އިއްޔެ މެންދުރު ފަހު 2:30 އިން ފެށިގެން ރޭގަނޑު 8:00 އަށް ކުރިއަށް ގެންދިޔަ ޕީޕީއެމް ޕްރައިމަރީގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށް އެ ޕާޓީގެ އޮފިޝަލުން ބުނެއެވެ. އަދި ގިނަ ޢަދަދެއްގެ ބަޔަކު ވޯޓުލާ މަރުކަޒުތަކަށް ޖަމާވެ ވޯޓުދީފައިވެއެވެ. ނަަމަވެސް ބޮޑެތި މައްސަލަތަކެއް ނުޖެހި ވަރަށް އޮމާންކޮށް ޕާޓީ ޕްރައިމަރީ ނިންމާލެވިފައިވާ ކަމުގައި އެޕާޓީގެ އިސްވެރިން ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!