ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެމެރިކާއިން 500 މިލިޔަން ޑޯޒް ވެކްސިން ހަދިޔާ ކުރަނީ
ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަންނަ އަހަރު މިހާތަނަށް އަންނައިރު އިތުރު 500 ޑޯޒް ވެކްސިން ހަދިޔާ ކުރަން ނިންމައިފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ނިއު ޔޯކްގައި ކުރިޔަށްދާ ޔޫއެންގެ ޖެނެރަލް އެސެންބްލީގައި ވައިޓްހައުސްގައި ހުންނަވައިގެން ވީޑިއޯ ކޯލް މެދުވެރިކޮށް ވާހަކަފުޅު ދައްކަވުން ބައިޑަން ވިދާޅުވީ، އެ ޤައުމުން އަމާޒު ހިފަނީ ފައިޒާ ވެކްސިންގެ 500 ޑޯޒް މި އަންނަ އަހަރު މިހާތަނަށް އަންނައިރު ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ހަދިޔާ ކުރުމަށް ކަމަށެވެ. އެއާއެކު އެމެރިކާއިން ޤައުމުތަކަށް ހަދިޔާ ކުރި ވެކްސިންގެ އަދަދު 1.1 ބިލިޔަނަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބައިޑެންގެ ވާހަކަފުޅުގައި ވިދާޅުވީ ކޮވިޑް-19 ހާލަތުން އަރައިގަނެވޭނީ ހުރިހާ ޤައުމެއް އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. މިގޮތުން މުއްސަދި ޤައުމުތަކުން ފަޤީރު ޤައުމުތަކަށް ވެކްސިން ވިއްކުމުގެ ބަދަލުގައި ހަދިޔާ ކުރުމަށް ބައިޑަން ގޮވައިލެއްވިއެވެ. އަދި ވިދާޅުވީ، އެމެރިކާއިން ވެކްސިން ހަދިޔާ ކުރަނީ ހެޔޮހިތުން ކަމަށާއި ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ނޫން ކަމަށެވެ.
މިއަހަރުގެ ތެރޭގައި ވެސް ދުނިޔޭގެ އެކި ގައުމުތަކަށް 580 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާ ކުރުމަށް އެމެރިކާއިން ވަނީ ވައުދުވެފައެވެ. ނަމަވެސް އެމެރިކާއިން މިހާތަނަށް ހަދިޔާ ކޮށްފައި ވަނީ، އޭގެ ތެރެއިން 160 މިލިއަން ޑޯޒްގެ ވެކްސިނެވެ.
ޔޫއެންގެ ބައްދަލުވުމުގައި ޖަޕާނުން ވެސް ވަނީ އިތުރު 60 މިލިޔަން ޑޯޒް އަދި އިޓަލީން 45 މިލިޔަން ޑޯޒް ހަދިޔާ ކުރަން ނިންމާފައިވާާކަން ހާމަކޮށްފައެވެ.