ޚަބަރު

ދިރާގުން ހުޅުމާލެ ފޭސް 2 ގައި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ ފޯރުކޮށްދޭން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިރާގުން ހުޅުމާލެ ފޭސް 2ގައި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭން ފަށައިއެވެ.

Ads by Sosun Fihaara

މިއަދި އެޗް.ޑީ.ސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޚިދުމަތް ދިނުމަށް ދިރާގާއި އެޗްޑީސީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގްރީމެންޓުގައި ސޮއި ކުރެއްވުމަށް ފަހު، ހިޔާ ފްލެޓްގައި ދިރާގު ޓީވީ އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ހޯއްދެވި އެންމެ ފުރަތަމަ ކަސްޓަމަރާ ބައްދަލުކުރައްވައިފައިއެވެ.

މީގެ އިތުރުން ފަސޭހަކަމާ އެކު ކަސްޓަމަރުންނަށް ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޙިދުމަތަށް އެދިލެއްވުމަށް ދިރާގުގެ ޓީމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި މިއަދު 18:00 ވަންދެން ހަރަކާތްވަމުން ދާނެއެވެ. އަދި މާދަމާއިން ފެށިގެން 10 އޮކްޓޯބަރގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 15:30އިން 18:30އަށް ހަރަކާތްތެރިވަމުން ދާނެއެވެ.

ދިރާގު ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ހުޅުމާލޭ ފޭސް2އަށް ދޭ ޚިދުމަތަކީ އެހެން ސަރަހައްދެކޭ އެއްފެންވަރެއްގައި ދެވޭ ޚިދުމަތަކަށް ހައްދަވާނެ ކަމަށެވެ.

"އެޗް.ޑީ.ސީއާ ގުޅިގެން ހުޅުމާލެ ފޭސް 2ގައި އާބަދުވަމުންދާ ރައްޔިތުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ ފޯރުކޮށްދެވިގެން ދިޔުމަކީ ނުހަނު އުފާވާ ކަމެއް. އެޗް.ޑީ.ސީއާ އެކު މި ވެވޭ އެއްބަސްވުމާ އެކު އަޅުގަނޑުމެން އެންމެ އިސްކަމެއް ދެނީ ހުޅުމާލޭ ދެވަނަފިޔަވަހީގެ ކަސްޓަމަރުންނަށް ދޭޚިދުމަތްތަކަކީ ވެސް މާލޭގެ އެހެންސަރަޙައްދު ތަކެކޭ އެއްގޮތަށް އެންފެންވަރެއްގައި، އަގުގެ ތަފާތެއް ނެތި، އެއް އަގެއްގައި ދެވޭނޭ ޚިދުމަތްތަކެއްކަން ޔަޤީންކުރުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ ޚިދުމަތެއް ފޯރުކޮށްދީ، ކަސްޓަމަރުން އެކަކު އަނެކެކާ ގުޅުވައިދިނުމަށް."އިސްމާޢީލް ރަޝީދު ވިދާޅުވިއެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެޗް.ޑީ.ސީގެ އެމް.ޑީ ސުހައިލް އަހުމަދު ވިދާޅުވީ "ހުޅުމާލެ ފޭސް 2 ގައި އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އެންމެ ފުރަތަމަ އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް ފޯރުކޮށްދިން ކުންފުންޏަށް ދިރާގު ވެގެން ދިޔުމަކީ ވަރަށް އުފާކުރާކަމެއް. އަޅުގަނޑުމެން ދެ ކުންފުނީގެ ވެސް އަމާޒަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ވާ ޑިޖިޓަލް ފަރަގު ކުޑަކުރުން ކަމުގައި ވުމުން، މިއީ ހުޅުމާލެ، ރާއްޖޭގެ އެންމެ ފުރަތަމަ "ސްމާޓް ސިޓީ"އަށް ވެގެން ދިޔުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް" ކަމަށެވެ. 

ދިރާގާއި އެޗް.ޑީ.ސީއަކީ ސަރުކާރު ހިއްސާވާ ދެ ކުންފުންޏަށް ވީ ހިނދު، މި ދެކުންފުނި ވެސް އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ މުޖުތަމަޢުތައް ބިނާ ކޮށް ތަރައްގީ ކުރުމެވެ. އެގޮތުން، ދިރާގުން ވަނީ ހުޅުމާލޭގައި މީހުން އާބާދުވާން ފެށީއްސުރެން އެންމެ ފުރަތަމަ އަސާސީ ޙިދުމަތް ދޭންފެށި ކުންފުނިތަކާ އެކު ދިރާގުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ. މިއާއެކު މިހާރު ހުޅުމާލެ ފޭސް 1ގައި ދިރިއުޅޭ 50،000އަށް ވުރެ ގިނަ ރަށްވެހިންނަށް ދިރާގުގެ ޚިދުމަތްތައް ދަނީ ފޯރުކޮށްމުންނެވެ.

އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ގިނަ ސަރވިސް ޕްރޮވައިޑަރުން ގުޅިގެން އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް އެއް ފައިބަރ ނެޓްވޯކެއް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. ދިރާގުން މަސައްކަތްކުރަމުން ދަނީ އެޗް.ޑީ.ސީއާ ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!