އެއާ އިންޑިއާގެ ފްލައިޓެއް ބްރިޖެއްގެ ދަށުގައި ތާށިވެއްޖެ

އެއާ އިންޑިއާގެ ފްލައިޓެއް ނިއު ދިއްލީގެ ބްރިޖެއްގެ ދަށުގައި ތާށިވެއްޖެއެވެ.
އެ ފްލައިޓު ތާށިވެފައިވާކަން ދައްކުވައިދޭ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ވައިރަލް ވެފައިވާ އިރު، މިކަމާ ގުޅޭގޮތުން އެއާ އިންޑިއާއިން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި އެ އެއާލައިނުން ބުނެފައި ވަނީ، ތާށިވެފައި އެވާ ފްލައިޓަކީ މިހާރު އެއާ އިންޑިއާގެ ފްލީޓުގައި ހިމެނޭ ފްލައިޓެއް ނޫން ކަމަށާއި އެ ފްލައިޓު ވަނީ އެހެން ފަރާތަކަށް ވިއްކާލައިފައި ކަމަށެވެ.
ބްރިޖެއް ދަށުގައި އެ ފްލައިޓު ތާށިވެފައިވާ އިރު، ވީޑިއޯއިން ފެންނަ ގޮތުގައި އެ ފްލައިޓުގެ ފިޔަގަނޑުތައް ވަނީ ނަގައިފައެވެ. އަދި ފްލައިޓު ކައިރިން އެއްގަމު އުޅަނދުފަހަރު ދުއްވައިފައި ދާތަން ވެސް ފެނެއެވެ.
އިންޑިއާގެ ނޫހަކުން ބުނެފައި ވަނީ، ބްރިޖު ދަށުގައި ތާށިވެފައިވާ ފްލައިޓާއި އެއާ އިންޑިއާއާ އެއްވެސް ގުޅުމެއް މިހާރު ނެތް ކަމަށް އެ އެއާލައިނުގެ ބަޔާނުގައި ބުނެފައިވާ ކަމަށެވެ. އަދި އެ ފްލައިޓު އަލަށް ގަތް މީހުންނާ މި މަހުގެ 2 ވަނަ ދުވަހު އެ ފްލައިޓު ހަވާލު ކޮށްފައިވާނެ ކަމަށް ވެސް އެއާ އިންޑިއާއިން ބުނެފައިވެއެވެ.
ދިއްލީ އެއާޕޯޓު އޮފިޝަލުން ބުނެފައި ވަނީ އެއީ އެ އެއާޕޯޓުގެ ފްލީޓުގައި ހިމެނޭ ފްލައިޓެއް ނޫން ކަމަށެވެ. އަދި އެ ފްލައިޓު ޓްރާންސްޕޯޓު ކުރުމުގައި ޑްރައިވަރަށް ކުށެއް ކުރެވުނީ ކަމަށް ވެދާނެ ކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.
އެ ފްލައިޓު ބްރިޖު ދަށަށް ދިޔައީ ކިހިނެއްކަމެއް އަދި އެއްވެސް ފަރާތަކުން ރިޕޯޓު ކޮށްފައެއް ނުވެއެވެ.