ނޯތު ކޮރެއާއިން ފެންނަ މަންޒަރު ރާއްޖެއިން ފެންނާކަށް ނޭދެން: ރައީސް ނަޝީދު
ނޯތު ކޮރެއާއިން ފެންނަ މަންޒަރު ރާއްޖެއިން ފެންނަން ނޭދޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އިއްޔެ އެމަނިކުފާނަށް ދިން ސެކިއުރިޓީއިން ސިފަ ވަނީ ނޯތު ކޮރެއާގެ މަންޒަރުތައް ކަމަށްބުނެ ސޯޝަލް މީޑިއާގައި ބަޔަކު ފާޑު ކިޔަމުންދާތީ އެކަމާ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ކަންބޮޑުވުން ފާޅު ކުރައްވަމުން، ޝިޔާމްގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުންނެވެ.
"އަޅުގަނޑު ހިތާމަ ކުރަން. އަޅުގަނޑަކަށް ޖޯކަކަށް ނުވޭ، ސޯޝަލް މީޑިއާގައި ވެސް މި ވީޑިއޯ އެބަ އުޅޭ، ރައީސް ވަޑައިގެންނެވި ވިޑިއޯ. އެ ވީޑިއޯއިން އަޅުގަނޑުމެންނަށް ދައްކައިދެނީ މި ޤައުމުގެ ހާލަތު. މި ޤައުމު ގެނެސްފައި އޮތް ހާލަތު." ޝިޔާމު ވަނީ ރައީސް ނަޝީދުގެ ތުރެޓް ލެވެލް މަތީގައި އޮތްއިރު، އެފަދަ ސެކިއުރިޓީ އެއް ނުދެވުނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.
ޝިޔާމްގެ ވާހަކައަށް ޖަވާބު ދެއްވަމުން ރައީސްނަޝީދު ވިދާޅުވީ، ނޯތު ކޮރެއާއިން ފެންނަ މަންޒަރު ޝިޔާމްގެ ހިތަށް ތަސައްވަރު ކުރެވުމަކީ އެމަނިކުފާނު ވެސް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ރައީސް އެމަނިކުފާނުގެ ސެކިއުރިޓީގެ ކަންކަން ބަަލަހައްޓަވަނީ އެމްއެންޑީއެފްއިން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ސެކިއުރިޓީ އިންތިޒާމްތައް ހަމަޖައްސަނީ އަޅުގަނޑެއް ވެސް ނޫން، މި މަޖިލީހަކުން ވެސް ނޫން. އެއީ މިނިސްޓްރީ އޮފް ޑިފެންސްއިން އެމީހަކަށް އޮތް ނުރައްކަލުގެ މިންވަރަށް ބަލާ، ހަމަޖައްސާ ހަމަޖެއްސުމެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުވެސް އެދެނީ އަޅުގަނޑުމެން އެންމެނަށް މިނިވަންކަމާއެކުގައި އުފާ އުފަލުގައި އުފާ ކުރަމުން އުޅެވޭނެ ދުވަހަކަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.
މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު ބޭސް ފަރުވާއަށް ރައީސް ނަޝީދު ވަނީ ބޭރަށް ވަޑައިގެންފައެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައި ވަނީ ހަތަރު މަސް ފަހުން އިއްޔެއެވެ.