އޭޝިއާ ދުނިޔެ

10 ގައުމަަކަށް ތައިލެންޑް ހުޅުވައިލަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް-19ގެ "ލޯ ރިސްކް" 10 ގައުމަކަށް ތައިލެންޑްގެ ބޯޑަރު ހުޅުވައިލާން އެގައުމުން ނިންމައިފިއެވެ.

Ads by Sosun Fihaara

ތައިލެންޑްގެ ބޮޑު ވަޒީރު ޕްރަޔުތު ޗަން އޯޗާ ވިދާޅުވި ގޮތުގައި މިނިންމުމަކީ އުނދަގޫ ނިންމެވުމެކެވެ. އަދި މިއީ "ރިސްކެއް" ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ގައުމުގެ އިގްތިސާދަށް ޓަކައި މިއީ ކޮންމެހެން ކުރަން ޖެހިފައިވާކަމެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން ވެސް ތައިލެންޑުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަދިވެސް ހުރީ 10 ހާހުން މަތީގައި ނަމަވެސް އަންނަ ނޮވެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން 10 ގައުމަކަށް ތައިލޭންޑް ހުޅުވައިލާނެކަމަށް ވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ތައިލޭންޑުން ކަނޑައަޅައިފައިވާ "ލޯ ރިސްކް" 10 ގައުމުތަކުގެ ފައިނަލް ލިސްޓެއް އަދި އާއްމުކޮށްފައި ނުވި ނަމަވެސް އެގައުމުތަކުގެ ތެރޭގައި ޔޫކޭ، ޗައިނާ، ޖަރުމަން، ޔޫއެސް، އަދި ސިންގަޕޫރު، ހިމެނޭކަމަށް ރިިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން އެލިސްޓުގައި ޖަޕާނު ވެސް ހިމެނޭނެ ކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފައެވެ.

ބޮޑުވަޒީރު ޕްރަޔުތު ވިދާޅުވި ގޮތުގައި ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން މުނިފޫހިފިލުވާ މަރުކަޒުތައް ހުޅުވައިލައި ބަނގުރަލުގެ ވިޔަފާރި ވެސް އަލުން ފެށުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމައިފައެވެ.

ތައިލޭންޑުން އެންމެ ފުރަތަމަ ކޮވިޑް-19ގެ ވޭދަނައެއް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެގައުމަކީ ޗައިނާއަށް ފަހު ކޮވިޑް ވޭދަނައެއް ރިޕޯޓް ކުރި ފުރަތަމަ ގައުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!